މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ނުދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާތީ އެކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ފާޑުވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އަސްލަމް ވިދާޅުވީ، ރައީސް އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ވެސް، މަޖިލީހުން ސަރުކާރަށް އެއްބާރުލުން ނުދެއްވާކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާފައިވާ ކަމަށެވެ. އެހެންކަމުން، ސަރުކާރުން އެދިގެން މަޖިލީހުން އެއްބާރުލުން ނުދިނީ ކޮންކަމެއްގާތޯ ރައީސް މުޢިއްޒުގެ އަރިހުން އައްސަވަން ބޭނުންފުޅުވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ސަރުކާރު ހިންގުމަށް ބޭނުންވާ ބަޖެޓު ފާސްކޮށްދެއްވި ކަމަށާއި، 22 ބޭފުޅުންގެ ކެބިނެޓަށް ވެސް ރުހުން ހޯދަން ފޮނުވުމުން ތިން ބޭފުޅުން ފިޔަވާ ދެންތިއްބެވި ހުރިހާ ބޭފުޅުންނަށް ރުހުން ދިންކަމަށެވެ.

އަދި ހާއްސަކޮށް ބަޖެޓު ފާސްކުރުމަށްޓަކައި މަޖިލީހުގެ ޖަލްސާތައް ވެސް ދަންމާލަން ޖެހުނުކަމަށާއި، މަޖިލިސް އެގޮތަށް ދަންމާލެވޭނެ އެންމެ ފަސް ތާރީހުކަމަށްވާ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 28 އާއި ހަމައަށް މަޖިލިސް ދަންމާލައިގެން އެކަން ފުރިހަމަ ކޮށްދީފައިވާނޭކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މަޖިލީހުން ސަރުކާރަށް އެއްބާރުލުން ނުދޭކަމަށް ވިދާޅުނުވެވޭނެކަމަށާއި، ރައީސް މުޢިއްޒުގެ ޖާހާ ޝަރަފަށްޓަކައި އެމަނިކުފާނު ބޭނުންފުޅުވި ގޮތަށް 22 މިލިއަން ރުފިޔާ ހަރަދުކޮށްގެން މަޖިލީހުން ބޭރުގައި އެމަނިކުފާނު ހުވާކުރެއްވުމުގެ ޖަލްސާ ވެސް ބާއްވައިދީފައިވާނޭކަމަށް ވިދާޅުވިއެވެ.

އަސްލަމް މިހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި ރައީސް ދައްކަވާ ވާހަކަފުޅުތަކުގައި، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުގެ މުހިންމުކަމާ ގުޅޭގޮތުން ދަނީ ވަރަށް ބޮޑަށް ވާހަކަފުޅު ދައްކަވަމުންނެވެ. ހާއްސަކޮށް، ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށާއި ރަށްރަށަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ވެސް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެންކަމަށް ރައީސް ދަނީ ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން