ފ. ނިލަންދޫ އެއާޕޯޓް މަޝްރޫއު ހަގީގަތަކަށް ހަދައި އެރަށް އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ނިލަންދެއަތޮޅު އުތުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ވެރިކަން ކުރާ ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މިރޭ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނިލަންދޫ ރައްޔިތުން ބޭނުންވާ ކަންތައްތަކުގެ އެންމެ ކުރީގައި އޮތީ އެރަށުގައި އެއާޕޯޓެއް އެޅުން ކަމަށެެވެ. އެގޮތުން ނިލަންދޫގައި އެއާޕޯޓް އެޅުމުގެ މަޝްރޫއު މިހާރު ފެށިފައިވާ ކަމަށާއި އެ މަޝްރޫއު ހުއްޓާނުލާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވަނީ އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދު ކަމަށްވާ އެއާޕޯޓްގެ މަޝްރޫއު ހަގީގަތަކަށް ހަދައިދެއްވާނެ ކަމުގެ ޔަގީން ކަން ދެއްވާފައެވެ.

"އިރާދަކުރެއްވިއްޔާ މި މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގޮސް ނިމޭއިރުގައި ތިބޭފުޅުންގެ އުއްމީދު ތަކުގައި ކުލަޖެހި އެންމެ ފުރިހަމަ ފެންވަރުގެ ރަނގަޅު އެއާޕޯޓެއް މިރަށުގައި އޮންނާނެ، 1800 މީޓަރުގެ ދިގު ރަންވޭއެއް ޖެޓު ޖެއްސޭވަރުގެ ފުރިހަމަ އެއާޕޯޓެއް މިރަށުގައި ހެދިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މުޅި ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް 7 ސަރަހައްދެއްގައި އާބަން ސެންޓަރުތައް ގާއިމުކުރަން ނިންމާފައިވާ ކަމަށާއި އެގޮތުން ނިލަންދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އާބަން ސެންޓަރުތައް ގާއިމް ކުރާނީ 20 އަހަރުގެ މާސްޓަރ ޕުލޭނެއްގެ ދަށުން ކަމަށާއި އެމާސްޓަރ ޕުލޭންގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެެވެ. އަދި މާސްޓަރ ޕުލޭނަށް ގާނޫނީ ހިމާޔަތް ހޯދައިދިނުމަށް ހާއްސަ ގާނޫނެއް ވުޖޫދަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެެވެ.

"އެގާނޫނު ހަދައިދޭނީ ރައްޔިތުންގެ މަޖިލީހުން ރައްޔިތުން މިކަމަށް އަޅުގަނޑަށް އެއްބާރުލުން ދޭނެ. ރައްޔިތުންގެ އުއްމީދު ތަކުގައި ކުލަޖައްސައިދޭނެ މެމްބަރުން ތިބޭފުޅުން ހޮއްވަވައި ދެއްވައިފިއްޔާ އެ ގާނޫނު ހެދިގެން ވެސް އަންނާނެ، ތަރައްގީގެ މާސްޓަރ ޕުލޭންގައި ހަތް އާބަން ސެންޓަރެއް ހަދާނެ ވާހަކަ މިދެންނެވި ރާއްޖޭގެ ދެކޮޅު އިންޓަގުރޭޑެޓް ޑިވޮލްޕްމަންޓްގެ ޒޯންގެ އިތުރަށް އޭގެ ތެރޭގައި ހިމެނޭ އެއް އާބަން ސެންޓަރަކީ މިރަށް، ނިލަންދޫ،" ރައީސް ވިދާޅުވިއެވެ

ރައީސް އިތުރަށް ވިދާޅުވީ އެކަމަށް ހުރަސް އެޅުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. އަދި އަތޮޅުގެ ދާއިރާތަކުގެ މަޖިލިސް މެމްބަރުންނަށް ހޮވައިދޭ މަޖިލިސް މެމްބަރުންނަކީ މިކަމުން 100 އިންސައްތަ އެމަނިކުފާނަށް އެއްބާރުލުން ދޭނެ ބޭފުޅުން ކަމަށް ރައްޔިތުން ނަހަދައިފިނަމަ ހުރަސް އެޅިގެން ނުވަތަ ހުރަސް އަޅާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ނިލަންދޫގެ ރައްޔިތުން އެއް ވިސްނުމަކަށް ގޮސް މި ސަރުކާރުން ގެންނަން މަސައްކަތް ކުރާ ތަރައްގީގެ މަސައްކަތަށް މާދަމާއިން ފެށިގެން، މިހާރު ކުރަމުން އަންނަ މަސައްކަތް އިތުރު "ގިއަރަކަށް" ލައިގެން އެންމެން އެކުގައި ނުކުމެ، އެކަން ހަގީގަތަކަށް ހެދުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން