ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވާތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުރުހުން ފާޅުކުރައްވައިފި އެވެ.

އެ ބިލު މަޖިލީހުން ފާސްކުރީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. ނަމަވެސް މިހާތަނަށް ވެސްއެ ބިލު ތަސްދީގު ކުރައްވާފައެއް ނުވެއެވެ.

އެ ބިލު ތަސްދީގު ކުރުމާ މެދު 15 ދުވަސް ތެރޭގައި ގޮތެއް ނިންމަވަން ރައީސަށް ޖެހިވަޑައިގަންނަވާ އިރު ބޭނުންފުޅުނަމަ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލެއްވިދާނެ އެވެ. ނަމަވެސް ދެވަނަ ފަހަރު މަޖިލީހުން ފާސްކޮށްފިނަމަ އެ ބިލު ތަސްދީގުކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ބިލު ތަސްދީގުނުކޮށް ހިފަހައްޓާފައި އޮތް އޮތުމަކީ ޑިމޮކްރަސީއަށް އޮތް ހުރަހެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

ހަމަ އެހެންމެ އެ ބިލު ތަސްދީގުނުކޮށް ފޮނުވާލައްވަން އުޅޭ ކަމަށް ވެސް ރައީސް ސޯލިހު ސިފަކުރެއްވި އެވެ.

އެހެން ނަމަވެސް ދެން ވެސް އެ ބިލު މަޖިލީހުން ފާސްކުރައްވާނެ ކަމަށް ރައީސް ޞާލިހު ވައުދުވެވަޑައިގެންނެވި އެވެ. އަދި ރައްޔިތުން އިންތިހާބުކުރާ ކެންޑިޑޭޓަކު އޭނާ އިންތިހާބުވެވަޑައިގެންނެވި ޕާޓީއެއްގައި ބެހެއްޓުމަށް ގާނޫނުގެ ތެރެއިން ހައްލު ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން