މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓާނުލައި ނިންމައިދޭނެ ކަމަުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ނިލަންދެ އަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބިލެތްދޫ ފެނަކަ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުގެ ފިކުރަކީ ތަރައްޤީގެ ފިކުރުކަމަށާއި އެހެންކަމުން މަގޫދޫގެ އެއަރޕޯޓްގެ މަޝްރޫޢުވެސް އަދި ތަރައްޤީގެ އެހެން މަޝްރޫއުތައްވެސް ހުއްޓާނުލައްވައި ނިންމަވައި ދެއްވާނެކަމުގެ ޔަޤީންކަން މަގޫދޫ ރައްޔިތުންނަށް އަރުވާ ކަމަށެވެ.

އަދި އެކަންކަމުގެ އިތުރުންވެސް ތަރައްޤީގެ މަޝްރޫޢުތައް އެރަށުގައި ހިންގަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލު ކުރެއްވުމުގައި މަގޫދޫ ކައުންސިލުން އިތުރަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި މަގޫދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ސައިންސް ލެބުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަމަށާއި ފުޓްބޯޅަ ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ކައުންސިލު އިދާރާގެ އައު އިމާރާތެއްގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު އެރަށުގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

ރައީސް ޞާލިޙްގެ ސަރުކާރުން މަގޫދޫގައި ފެށި އެއަރޕޯޓް ނިލަންދުއަށް ބަދަލުކުރި ކަމަށް އެމްޑީޕީން ތުހުމަތު ކުރަމުން ދިޔަ ނަމަވެސް އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފައިވަނީ މަގޫދޫ އެއާޕޯޓުގެ މަޝްރޫއު އެ ކުންފުނީގެ ޕްރޮޖެކްޓް ލިސްޓްގައި އަދިވެސް ހިމެނޭ ކަމަށެވެ.

މަގޫދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 550 ދުވަހުގެތެރޭ ނިންމާ ގޮތަށް 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. ރައީސް ޞާލިޙް އޭރު ވިދާޅުވެފައިވަނީ މަގޫދޫ އެއަރޕޯޓް ވެގެންދާނީ ރާއްޖޭގައި އޮތް އެންމެ ފުރިހަމަ އެއަރޕޯޓަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން