ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ފާތިމަތު ޒިލްމާ، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އެ ދާއިރާއަށް ވާދަކުރައްވާ ސަރުކާރު ކެންޑިޑޭޓް އަހުމަދު ރިޔާޒަށް ތާއިދު ކުރަން ނިންމައިފި އެވެ.

އަހުމަދު ރިޔާޒަކީ ތިމަރަފުށީ ދާއިރާ މިހާރު ތަމްސީލު ކުރައްވާ އަބްދުﷲ ރިޔާޒްގެ ކޮއްކޮވެސް މެއެވެ.

ރިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޒިލްމާ އޭނާއަށް ތާއިދުކުރަން ނިންމިކަން ހާމަކުރަށްވައި އެ ދެ ބޭފުޅުން އެކުގައި ތިއްބެވި ފޮޓޯއެއް ވެސް ހިއްސާ ކުރައްވައިފަ އެވެ.

"ޒިލްމާ ވިދާޅުވީ ގޮތުގައި މިއީ ދާރިރާގެ ތަރައްޤީއަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް ފުރުސަތު ދިނުމަށް ނިންމެވި ނިންމުމެއް! ޝުކުރިއްޔާ ޒިލްމާ! ގުޅިގެން ކުރިއަށް." ރިޔާޒް ވިދާޅުވި އެވެ.

ތިމަރަފުށީ ދާއިރާއަށް ޕީއެންސީގެ ފަރާތުން އިބްރާހިމް ސަނާހު ވާދަ ކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ތާއިދު ކުރައްވަނީ ރިޔާޒް އަށެވެ. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްވެސް ވިދާޅުވީ ސަނާހުއަށް އިތުބާރެއް ނެތް ކަމަށެވެ.

ޕީއެންސީ ކެންޑިޑޭޓް ހުއްޓައި ރިޔާޒްއަށް ސަރުކާރުން ތާއިދުކުރާތީ އެ ރަށުގައި ވަނީ މުޒާހަރާވެސް ކޮށްފަ އެވެ.

އަހުމަދު ރިޔާޒްއަކީ ނިމިގެން ދިޔަ ސަރުކާރުގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރެކެވެ. ނަމަވެސް ފަހުން އޭނާ ސަސްޕެންޑްކުރީ އެވެ. އަދި އޭގެފަހުން އަމިއްލައަށް މަގާމުން އިސްތިއުފާވެސް ދެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން