އިއްޔެ ކުރި ވިއްސާރައިގައި 11 ގެއެއްގައި ދިރިއުޅެން އުނދަގޫވާ ވަރަށް އަސަރު ކުރި ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ވަރަށް ހޫނު ގަދަ ދުވަސްތަކަަކަށް ފަހު ހުކުރު ދުވަހުގެ ރެއިން ފެށިގެން ރޭވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވަރަށް ބޯކޮށް ވާރޭ ވެހިފައެވެ. އަދި އިއްޔެ ހަވީރުން ފެށިގެން ރެއާއެކު މާލެއަށް ވެހުނު ވާރޭގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑު ވިއެވެ.

އެންޑީއެމްއޭއިން ބުނީ މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ފެންވަދެގެން ޖުމްލަ 132 ތަނަކުން ރިޕޯޓު ކޮށްގެން 122 ތަނަކަށް އެޓެންޑުވި ކަމަށެވެ. އަދި 104 ތަނެއްގައި ޖުމްލަ 732 ވެލިބަސްތާ ޖަހައިދިން ކަމަށް ވެސް ބުންޏެވެ.

އޭގެ ތެރެއިން ދިރިއުޅެން ދަތިވާކަމަށް ރިޕޯޓު ކުރި 10 ގެއެއްގެ ރެޕިޑު އެސެސްމެންޓް ދިވެހި ރެޑް ކްރެސެންޓުގެ އެހީތެރިކަމާއިއެކު ނިންމާ، ދިރިއުޅެން ދަތިވާކަމަށް ފާހަގަ ކުރެވުނު ހަ ގެއެއްގެ ޖުމްލަ 42 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން އެއް ރެއަށް ހަމަޖައްސާދިން ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

އިއްޔެ ކުރި ވިއްސާރައިގައި އަތޮޅުތެރެއަށް ވެސް ވަރަށް ބޮޑަށް އަސަރުކުރި އެވެ.

އެންޑީއެމްއޭއިން ބުނީ އަތޮޅު ތެރެއަށް ކުރި ވިއްސާރައިގައި ށ. ފީވަކުގެ 20 ގެއަކަށާއި ށ. ފޯކައިދޫގެ 03 ގެއެއްގެ އިތުރުން ތ. ވަންދޫގެ 01 ގެއަކަށް ގެއްލުން ލިބުނު ކަމަށެވެ.

"ރެޕިޑް އެސެސްމަންޓްއިން އުޅެން ދަތިވާ ވަރަށް ފާހަގަކުރެވުނު 9 ގެއެއްގެ ތެރެއިން 5 ގެއެއްގެ 34 ފަރާތެއް ބަދަލުކުރުމަށް ނިންމާ ވަގުތީބޯހިޔާވަހިކަން ދަނީ ހަމަޖައްސަމުން، މި 5 ތަނުގައި ދިރިއުޅެން ދަތިވާ ވަރަށް ފެން ބޮޑުވުމުގެ ސަބަބުން ފާޚާނާ ކުރުމަށް ބުރޫ އަރާ ނަޖިސް ވަނީ ލީކުވެފަ." އެންޑީއެމްއޭއިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން