ފީއަލީ ބިން ހިއްކުމުގެ މަސައްކަތާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް އެރަށު ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދެފިއެވެ.

ފީއަލީ ކައުންސިލުން ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި، އެރަށުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ހިއްސާ ކުރީ އެމަނިކުފާނު ނިލަންދެ އަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ފ. ފީއަލީއަށް ވަޑައިގެން އެރަށު ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މަޝްވަރާ ކުރަށްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގެ ބިން ހިއްކުމުގެ މަސައްކަތާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އަވަހަށް ނިންމައިދިނުން އެދުމާއި ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ބޭނުންވާކަމަށާއި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި އައު މިސްކިތެއް އިމާރާތްކުމުގެ މަސައްކަތް އަވަހަށް ފަށްޓަވައިދެއްވަން އެދުނެވެ.

މީގެ އިތުރުން އެރަށުގެ އިންޖީނުގޭގެ ކެޕޭސީޓީ އިތުރުކޮށް ތަރައްޤީކުރުމާއި އައިސް ޕްލާންޓުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދޭކަމަށާއި ވޮލީކޯޓާއި ސްކޫލުގެ ސައިންސް ލެބްގެ މަސައްކަތްވެސް އަވަހަށް ނިންމުމާއި ކައުންސިލު އިދާއާއަށް އައު އިމާރާތެއްގެ މުހިންމުކަމާއި އާރު.ޓީ.އެލް ފެރީގެ ޚިދުމަތްފަދަ ރަށުގެ ތަރައްޤީއަށް މުހިންމު ކަންތައްތައް މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ރައްޔިތުން އެދިފައިވާގޮތަށް ނިންމަވައި ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ހަމައެހެންމެ ތަރައްޤީގެ އެހެން މަސައްކަތްތައް ވެސް ފުރިހަމަކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ފީއަލީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ހިއްސާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން