ހއ. ހޯރަފުށީ ކައުންސިލުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަ ތަހުގީގު ކުރަން ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

އެ ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހޯރަފުށީ ކައުންސިލުން ހިންގަމުންދާ ކަންތައްތައް އެ ކޯލިޝަނުން ވަނީ ކުށްވެރި ކޮށްފައެވެ.

އެމްޑީޕީގެ މެޖޯރިޓީ ކައުންސިލުން ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރާ ކަމަށާއި ހޯރަފުށީގައި ހުރި ކައުންސިލްގެ ހުރިހާ ވަސީލަތްތައް އެމްޑީޕީގެ ކެމްޕޭނަށް ބޭނުން ކުރަމުން ދާކަމަށް އެ ބަޔާނުގައި ވެއެވެ.

"ކައުންސިލްގެ މުވައްޒަފުން ކެމްޕެއިންގައި ބޭނުންކުރުމާ، ތަނުގައި ހުރި ވެހިކަލްތަކާއި ޕްރިންޓަރާ ކަރުދާހާއި އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރަމުން އެބަދޭ." ޕީއެންސީން ބުންޏެވެ.

އޭގެ އިތުރުން އެ ކޯލިޝަނުން ބުނީ، މިވަގުތު ހޯރަފުށީ ކައުންސިލްގެ އަމާޒު ހުރީ ޤާނޫނުން އެކައުންސިލާއި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްވުރެ ބޮޑަށް، ރަސްމީގަޑީގައާއި ނުރަސްމީ ގަޑީގައިވެސް އިދިކޮޅު ކެންޑިޑޭޓްގެ ކެޕްމެއިން ކުރުމަށް ކަމަށެވެ.

އަދި މި އިންތިޚާބާ ދިމާކޮށް ކައުންސިލުން ގޯތި ދިނުމާއި މިހާރު ކައުންސިލުން ބިން ދޫކޮށްފައިވާ ފަރާތްތަކުގެ ބިން ބޮޑުކޮށްދޭނެ ކަމަށްވެސް ބުނަމުން ދާކަމަށް ޕީއެންސީ ކޯލިޝަނުން ބުންޏެވެ.

"މިއީ ކަނޑައެޅިގެން އިންތިޚާބުތަކާބެހޭ ޤާނޫނާވެސް ޚިލާފުކަމެއް." އެ ކޯލިޝަނުގެ ބަޔާނުގައިވެއެވެ.

އެހެންކަމުން ޤާނޫނުތަކުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ކެމްޕެއިން ކުރުމަށް އެ ކޯލިޝަނުން ވަނީ ހޯރަފުށީ ކައުންސިލް މެމްބަރުންނަށް ގޮވާލާފައެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ބަލާ ތަޙްޤީޤުކުރުމަށްވެސް އެ ކޯލިޝަނުން ގޮވާލިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން