ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އެމައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ދައުވާލިބުނު ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ހޯމް މިނިސްޓަރު އަލީ އިހުސާންގެ އެންގެވުމަށް ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެ މައްސަލާގައި ތަހުގީގާއި ގުޅޭ މައުލޫމާތުތަކެއް އާންމުކޮށްފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުުހުން ބުނީ އެ މައްސަލާގައި ދައުވާލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުވާނެ ހެކިތައް ހުރި ކަމަށެވެ.

ކްރިމިނަލް ކޯޓުން މީޑިޔާ ތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދާއި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މަމްދޫހު ހަސަން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި އަދި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް އަދި ކޯޓުގެ ހުރުމަތް ކެނޑި މައްސަލައާ ގުޅިގެން ފަނޑިޔާރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އަންނަ ބުދަ ދުވަހު ބޭއްވުމަށް އެޖެންޑާކޮށްފައިވާ ކަމަށެވެ.

ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ހަމައެކަނި ކުށް ސާބިތުވީ ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގޭ އަލީ ޒުބައިރުގެ މައްޗަށެވެ. ޢޭނާ އުމުރަށް ޖަލަށްލާން ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެމައްސަލައިގައި ދައުލަތުން ދައުވާ ކުރި އަލޯރާ އަހުމަދު މުޖާހިދާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނުގެ މައްޗަށް ކުށް ސާބިތުނުވެ އެ ދެމީހުން ވަނީ މިނިވަންވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން