ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

އެ ބިލު މަޖިލީހުން ފާސްކުރީ މި މަހުގެ އެއްވަނަ ދުވަހު އެވެ.

ގާނޫނުގައި ބުނާ ގޮތުން މަޖިލީހުން ބިލެއް ފާަސްކޮށްފިނަމަ އެ ބިލެއް ތަސްދީގުކުރުމާ ގުޅޭ ގޮތުން 15 ދުވަސް ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ގޮތެއް ނިންމަވަން ޖެހޭނެ އެވެ. އަދި ބިލު ތަސްދީގުނުކޮށް އެ ބިލު އަނބުރާވެސް ފޮނުވާލެވޭ އިރު މަޖިލީހުން ދެވަނަ ފަހަރަށް ބިލު ފާސްކޮށްފިނަމަ އެ ބިލު 15 ދުވަސް ތެރޭގައި ތަސްދީގުކުރަން ޖެހޭނެ އެވެ.

މިއަދު އެ ބިލު ރައީސް މުއިއްޒު ތަސްދީގުކުރައްވައި ގެޒެޓުގައި ޝާއިއުކުރުމާއެކު މިއަދުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށާނެ އެވެ.

ރައީސް މުއިއްޒު އެ ބިލު ތަސްދީގުކުރެއްވި އިރު ބިލު ތަސްދީގު ނުކުރައްވާނެ ކަމަށް ބުނެ އިދިކޮޅުން ދިޔައީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔަމުން ނެވެ.

އެންޓި-ޑިފެކްޝަން ގާނޫނަކީ ރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ޤާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު އަމަލުކުރާނޭ ގޮތް ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ހުސްވާ ހާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ގާނޫނެވެ.

އެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބުކުރާ މެންބަރުން އެ އިންތިޚާބުކުރެވޭ ދައުރުގެ ތެރޭގައި އެ އިންތިޚާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުން ހިމެނެ އެވެ.

އަދި ރައްޔިތުން އިންތިޚާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި، ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއްކަމަށް ހެދުން ވެސް ހިމެނެ އެވެ.

ހަމަ އެއާއެކު، މި ޤާނޫނުގެ ދަށުން މެންބަރެއްގެ ގޮނޑި ހުސްވާ ހާލަތްތަކުގައި ގޮނޑި ހުސްވި ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދިނުމާއެކު، ބައި-އިލެކްޝަން ބޭއްވުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކޮށްފައި ވެއެވެ. އަދި މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެންބަރުކަމުން އިސްތިޢުފާ ދޭ ނުވަތަ ވަކިވާ މެންބަރުންނަށް ބައި-އިލެކްޝަންގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުން ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން