މިދިޔަމަހު މީރާއަށް 2.94 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 34.4 އިންސައްތަ އިތުރު އަދަދެކެވެ. އަދި، މާރޗް 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 26 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން ބުނީ މާރޗް މަހުގެ އާމްދަނީ އިތުރުވެފައިވަނީ ބޭންކް އިންކަމް ޓެކްސްގެ ކުރިއަށް ހުރި ސުންގަޑިތަކުގެ ފައިސާ މާޗް މަހުގެ ތެރޭގައި ދައްކާފައިވާތީ އާއި މިއަހަރުގެ މާޗް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެފައި ވާތީ ކަމަށެވެ.

މިދިޔަ މާޗް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކޮށްފައި ވަނީ ޖީއެސްޓީންނެވެ. އެއީ 1.52 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 589.65 މިލިއަން ރުފިޔާއެވެ.

ހަމައެއާއެކު ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 370.57 މިލިއަން ރުފިޔާ އާއި، ގްރީން ޓެކްސްގެ ގޮތުގައި 113.80 މިލިއަން ރުފިޔާ އާއި، އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 106.12 މިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 240.62 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ.

އޭގެއިތުރުން، މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 119.67 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން