ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މި ސަރުކާރުން ބުނެފި އެވެ.

ނިމިގެން ދިޔަ ސަރުކާރުން އިންޑިއާގެ އެފްކޮންސް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް 2021 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުފެށި އިރު މި އަހަރުގެ މޭ ހިސާބުގައި ބުރިޖު ނިމޭނެ ކަމަށް ބުނި ނަމަވެސް ކުރީގެ ވެރިކަން ނިމުނުއިރު ބުރިޖުގެ ތިން ބައިކުޅައެއްބައި ވެސް ނުނިމެ އެވެ.

އެގޮތުން މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ބުރިޖުގެ ނިމިފައި އޮތީ އެންމެ 29 އިންސައްތަ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި ހަތަރު މަސް ދުވަހު ބުރިޖުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ވަރަށް ބާރަށް ކަމަށެވެ.

އެގޮތުން މިދިޔަ ހަތަރު މަހުގެ ކުރިން ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިޔަ 25 މަހުގެ ތެރޭގައި 29 ޕަސެންޓް މަސައްކަތް ނިމުނުއިރު މި ހަތަރު މަހު އެކަނިވެސް ހަތް ޕަސެންޓް މަސައްކަތް ނިންމުނު ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ބުރިޖުގެ މަސައްކަތް ކުރުމަށް ބޭނުންކުރާ ދެ ޕްލެޓްފޯމްވެސް މިހާރު ރާއްޖެ ގެންނަން ތައްޔާރުވެފައިވާ ކަމަށާއި އެ ދެ ޕްލެޓްފޯމް މި މަސް ނިމުމުގެ ކުރިން ސައިޓަށް ގެންދެވޭނެ ކަމަށެވެ.

ހަމަ އެހެންމެ ބުރިޖުގެ މަސައްކަތަށް ބޭނުންވާ އިތުރު ސާމާނުތައް ކުރިއަށް އޮތް މަސްތަކުގައި ގެންނަން އޮތީ ތާވަލުކޮށްފައި ކަމަށާއި އެއާއެކު ބުރިޖުގެ މަސައްކަތް އިތުރަށް ހަލުވި ކުރެވޭނެ ކަމަށެވެ.

ފައްސަތޭކަ މިލިއަން ޑޮލަރުގެ ބުރިޖުގެ މަޝްރޫއު ދިގުލައިގެން ގޮސް އެ މަސައްކަތް ނިންމުމުގެ މުއްދަތު ކުރީ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައި ވަނިކޮށް ވަނީ ސެޕްޓެމްބަރު 30، 2026އަށް އިތުރުކޮށްދީ ފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން