އުމްރާގެ އަޅުކަން ކުރުމަށް ރާއްޖޭން މީހުން ގެންގޮސްދޭކަމަށް ބުނެ ގިނަ ބަޔަކަށް ހީލަތް ހަދާފައިވާ މަޝްއަރު އުމްރާ ގުރޫޕުން އަދިވެސް ދަނީ އުމްރާއަށް މީހުން ގެންދާކަމަށްބުނެ އެކި ފަރާތްތަކުން ފައިސާ ހޯދަމުންކަމަށާއި އެހެންކަމުން އެއްވެސް ފަރާތަކުން އެފަރާތަށް ފައިސާ ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އަލްމަޝްއަރު ޓުއާސް އިން، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި އުމްރާއަށް ގެންދިއުމާއި އެ ކުންފުނިން ނަގަންޖެހޭ، އުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދަ ނެގުމަށް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ދައްކައިގެން އޮޅުވާލައިގެން މީހުން އަތުން ފައިސާ ނަގާ މައްސަލަ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން، އެކަން ފުލުހުންނަށް މިހާރު ހުށަހަޅާފައިވާނޭ ކަމަށާއި އެ ކުންފުންޏަށް ނުވަތަ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުރި އަލީ ފާރިޝްއަށް ވެސް އެއްވެސް ފަރާތަކުން އުމްރާއަށް ދިއުމަށްޓަކައި ފައިސާ ނުދެއްކުމަށާއި އުމްރާއާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރާކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ބުނީ، އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނެތި ވިޔަފާރި އުސޫލުން އުމްރާއަށް މީހުން ނުގެންދިއުމަށާއި އެ ހުއްދަ ނެތް ކުންފުންޏަކާ އެކު ފައިސާގެ މުއާމަލާތް ނުހިންގުމަށް އެދޭކަމަށެވެ. އަދި އެއާއި ހިލާފަށް އަމަލުކުރި ނަމަވެސް އެކަމުގައި ޒިންމާވާނީ އެ ފަރާތަކުން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ހައްޖާއި އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ފެންނަން ހުރެއެވެ. އެހެންކަމުން އެ ލިސްޓް ބަލައި އޭގައިވާ ފަރާތްތަކާއެކު އެފަދަ މުއާމަލާތްތައް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން