ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފް މައްސަލައިގައި މާދަމާ ހުކުމް ކުރާ އިރު، އެމަނިކުފާނު މިނިވަން ވުމަކީ ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމެއްކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ޕީޕީއެމް، ޕީއެންސީން ކުރިއަށްގެންދިޔަ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ވެރިކަން ކުރުމަކީ މީގެ ކުރިން ވެރިކަން ކުރި މީހުން ހައްޔަރުކޮށްގެން ބަދަލު ހިފުމުގެ ރޫހެއްގައި ގައުމު ހިންގުމަށް ކުރާ ކަމެއް ނޫންކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅު ވަނީ އެ ބަދަލު ހިފުމުގެ ރޫހަށް ނިމުމެއް ގެންނަން ކަމަށާއި ބަދަލު ހިފުމުގެ ރޫހު މި ސަރުކާރުން ފެނިގެން ނުދާނެކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު މިރޭ ވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.

ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އިއްވުން މާދަމާއަށް ހައިކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.

"އަޅުގަނޑުގެ ދުއާ އަކީ، އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން އައި ގޮތަށް ރައީސް ޔާމީން މިނިވަން ވެގެން އައުން. މާދަމާގެ ޝަރީއަތުގެ މަޖިލިސް ބޭއްވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ. އަޅުގަނޑުގެ ދުއާ އަކީ އެމަނިކުފާނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަން ވެގެން އައުން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިއަދާ ހަމައަށްވެސް ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުންދަނީ އެމްޑީޕީން ކަމަށާއި އެގޮތުން، ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ އެޖެންޑާ ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް، ޖޭއެސްސީއަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެކަން ހުށަހެޅުމާއެކު މާދަމާ އަށް އެ މައްސަލަ ތާވަލުވެފައިވާ ކަމީ ޖޭއެސްސީ މެދުވެރިކޮށް އެމްޑީޕީން ކޯޓުތަކަށް ނުފޫޒު ފޯރުވާކަން ސާބިތުވެގެންދާ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު 21 ގައި ވަނީ ނިންމާލާފައި ވީނަމަވެސް ހުކުމް އޮތީ ނުކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން