ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް އެމައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ރިޝްވަތު ހުށަހެޅި ކަމަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެމައްސަލަ ޔޫސުފް ނައީމްގެ ފަރާތުން އިސްތިއުނާފް ކުރުމަޒް ހުށައެޅި މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށްފައެވެ. ހައިކޯޓުން އެގޮތަށް ހުކުމްކުރީ އެމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެެ. ހައިކޯޓުން ކުރި ހުކުމްގައި ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް އެމައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ވަނީ އަމުރުކޮށްފައެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޔޫސުފް ނައީމްގެ ޝަރީއަތުގައި ދައުލަތުން އޭނާގެ ހެކިތަކަށް ރައްދު ދިނުމުގެ ގޮތުން އިތުރު ހެކިތަކެއް ހުށައަޅާފައިވާ ކަމަށާއި އެ ހެކިތައް ކޯޓުން ބަލައިގަތީ ރަނގަޅަށް ނޫން ކަމަށެވެ. އޭގެ އިތުރުން، ޔޫސުފް ނައީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ނިންމާފައި ވަނީ ކުށުގެ އުންސުރުތައް ފުރިހަމަވާ ކަމާމެދު އޭނާގެ ފަރާތުން އުފެއްދި ސުވާލުތަކަށް ރިއާއަތް ކުރުމެއް ނެތި ކަމަށް ހުކުމުގައިވެއެވެ.

ހައިކޯޓުން މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ ދަށުގައި ކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރު ހައްދަވާފައިވާ ގިނަ ގޯސްތަކެއް ފާހަގަކުރަށްވާފައެވެ.

އެގޮތުން ހައިކޯޓުގެ ހުކުމްގައިވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ރިޝްވަތަކަށް ވާނީ ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއްގައި ހުއްދަ ނޫން މަންފާއެއް ދިނުން ކަމަށާއި ރަށްތައް ދޫކުރުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއްކަން ދަށު ކޯޓުން ބަޔާން ކޮށްދީފައިނުވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ޔޫސުފް ނައީމްގެ ފަރާތުން ޔާމީނަށް ދިން އެއް މިލިއަން ޑޮލަރަކީ ހުއްދަ ނޫން މަންފާއެއްގެ ގޮތުގައި ދޭ ފައިސާއެއް ކަން ޔޫސުފް ނައީމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އެނގޭ ކަން އެނގެން ނެތް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ އާ ހެކި ބަލައިގަތުމަށް ނިންމި ނިންމުން ގޯސް ކަމަށެވެ. އެއީ އެ ހެކިތައް ހުށަހެޅުމުން އެ ހެކިތައް ބަލައިގަތީ ގާނޫނުގައި ނެތް އިޖްރައާތެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ ހެކިތައް ބަލައިގަންނަންޖެހޭ ހަގީގީ ސަބަބެއް އޮތްކަން ބުނެދެވިފައިނުވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

"ދެން ފަހެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން ކްރިމިނަލް ކޯޓުގެ ނަމްބަރު... ގަޝިއްޔާގެ ހުކުމް އިއްތިފާގުން ބާތިލްކޮށް މި ގަޝިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި މިމައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލް ކުރުމަށް މި ގަޝިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކޮށްފިން." ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ސަލީމް ބެއްލެވި މައްސަލައިގެ ހުކުމްގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން