ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ މުއާމަލާތްތަކެއް ކޮށްފައިވާތީއާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލުހުކުމްތައް ހައިކޯޓުން މިއަދު ބާތިލުކޮށް ރައީސް ޔާމީން މިނިވަންކޮށްފިއެވެ.

ރިޝްވަތާ މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މައްސަލަ ބެލުމަށްފަހު މައްސަލައިގެ ހުކުމް މިއަދުވަނީ އިއްވާފައެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމާ ގުޅޭގޮތުން ދަށު ކޯޓުން އަމަލުކުރި ގޮތް ރަނގަޅު ނޫން ކަމަށާއި އަދި އޭގެ ސަބަބުން ޔާމީނަށް ލިބެންޖެހޭ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާކަމަށެވެ. އެހެންކަމުން ރިޝްވަތުގެ މައްސަލައިގައި ކޮށްފައިވާ 4 އަހަރުގެ ޖަލުހުކުމް ހައިކޯޓުން މިއަދު ކުރީގެ ޝަރީއަތުގައި ވަނީ ބާތިލުކޮށްފައެވެ.

އަދި ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރީ ރިޝްވަތުގެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކަމަށް ވާއިރު، ރިޝްވަތު މައްސަލާގެ ޖަލު ހުކުމް ބާތިލް ކޮށްފައިވާތީ މަނީ ލޯންޑްރިންގެ ކުށުގެ އުންސުރުތައް ނެތިގެންދާ ކަމަށްބުނެ ބާކީ އޮތް 7 އަހަރުގެ ޖަލު ހުކުމްވެސް ވަނީ ބާތިލު ކޮށްފައެވެ.

އެހެންކަމުން، ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު ހިމެނުނު ފަނޑިޔާރުންގެ ބެންޗުން ހުކުމްކޮށްފައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް އަމުރުކުރާ ކަމަށެވެ.

އިސްތިއުނާފުގެ މައްސަލަ ޔާމީންގެ ކޮޅަށް ނިމުމާއެކު އެމަނިކުފާނު ވަނީ މިނިވަންވެފައެވެ. އެއާއިއެކު އެމަނިކުފާނަށް ތާއީދުކުރާ ގިނަ ބަޔަކު ދަނީ އުފާފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން