ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމް ބާތިލުކޮށް މިނިވަންކުރުމާއި ގުޅިގެން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ކޯޓު ހުކުމަށްފަހު މިއަދު ކޯޓު ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ދެން އޮތީ މަދު ވަގުތުކޮޅެއްކަމުން އެންމެ ބޭނުންވާވަރަށް ކެމްޕޭންގައި މަސައްކަތް ނުކުރެއްވޭނެކަމަށެވެ.

ނަމަވެސް، މާދަމާ ރާއްޖޭގެ ބޮޑެތި ބައެއް އަތޮޅުތަކަށް ޒިޔާރަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. ޔާމީންގެ އިންޓަވިއުގައި ވަކި ރަށެއް ވިދާޅުނުވި ނަމަވެސް، އެމަނިކުފާނުގެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީޙް ޖަމާލް މިރޭ ވަނީ އެމަނިކުފާނު މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވާނެކަން ހާމަކުރައްވާފައެވެ.

މަލީހް ވިދާޅުވީ، ޕީއެންއެފްގެ ޓީމެއް މިރޭ 10:30 ގެ ފްލައިޓުން ފުވައްމުލަކަށް ވަޑައިގަންނަވާނެކަމަށާއި އޭގެ އިތުރުން މާދަމާ ރައީސް ޔާމީން ވެސް ފުވައްމުލަކަށް ވަޑައިގަންނަވާނެކަމަށެވެ.

ރިޝްވަތާ މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން މިދިޔަ 1250 ދުވަސް ވަންދެން ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މައްސަލަ ބެލުމަށްފަހު މައްސަލައިގެ ހުކުމް މިއަދުވަނީ އިއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން