ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބަޣާވާތްކުރަން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މިއީ ޚިޔާލު ތަފާތުވުންތައް ދޫކޮށް ގައުމީ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށެެވެ.

އިންތިހާބާއި ގުޅިގެން އުފެދިފައިވާ ސިޔާސީ ވާދަވެރިކަމުގައި އާއިލާގެ ތެރޭގައި ވެސް މައްސަލަތަކެއް ހުންނާނެކަން ގަބޫލުފުޅު ކުރަށްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިދަނޑިވަޅަކީ އާއިލާއަށްވުރެ ގައުމީ މަސްލަހަތު އިސްކުރަން ޖެހޭ ވަގުތު ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އާއިލާ އިސްކުރަން ޖެހޭ ކަންކަން ވެސް ހުންނާނެ ކަމަށެވެެ. އެހެން ނަމަވެސް މިވަގުތު އިސްކުރަން ޖެހެނީ ގައުމުގެ ހައްގުގައި ނިންމަންޖެހޭ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުގައި މީގެ ކުރިން ވޯޓް ދެނީ އަމިއްލަ އާއިލާ އާއި ރައްޓެހިންނާއި އެމީހަކަށް ކަމެއް ކޮށްދިން މީހާ އަށް ކަމަށެވެ.

"އާއިލީ މަސްލަހަތު، ރައްޓެހިކަމުގެ މަސްލަހަތު ނުވަތަ ތިމަންނައަށް ކުރިން ކަމެއް ކޮށްދިން މީހާގެ މަސްލަހަތު، ނޫން، އެކަން ގޯސް." ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރައީސް މުޢިއްޒު މިރޭ ވިދާޅުވީ މަޖިލިސް ބޭނުންވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ކަމަށެވެެ. އެހެން ނަމަވެސް އެ ބޭފުޅުން ހިތުގައި އަސްލު އޮތީ ބަޣާވާތްކޮށް ސަރުކާރު ވައްޓާލަން ކަމަށް ރައީސް ވިދާޅުވިއެވެެ.

ރައީސް ވަނީ މި ހަމަނުޖެހުމުގެ ތެރެއަށް ގައުމު ދޫކޮށްލަން ފުރުސަތު ނުދިނުމަށް ގޮވާލައްވާފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރު ކެންޑިޑޭޓުން މަޖިލީހަށް ހޮވި ނަމަވެސް ދާއިރާގެ ރައްޔިތުންގެ ހައްގުގައި އެ ބޭފުޅުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށެވެ. އަދި ސަރުކާރުގެ ކެންޑިޑޭޓުންނަކީ ތަރައްގީއަށް އެއްބާރުލުން ދޭނެ ބޭފުޅުން ކަމަށާއި އިދިކޮޅު ކެންޑިޑޭޓުން ހޮވައިގެން ސަރުކާރަށް ލިބެންޖެހޭ އެއްބާރުލުން ނުލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޖިލީހާއި ނުލަައި ގައުމަށް ތަރައްގީ ނުގެނެވޭނެ ކަމަށެވެ. އަދި މަޖިލިސް ބޭނުންވަނީ އެ މަޖިލީހަކީ މި ސަރުކާރުގެ ތަރައްގީގެ މަސައްކަތަށް އެހީތެރިކަން ދޭނެ މަޖިލީހަކަށް ހެދުމަށްޓަކައި ކަމަށް ރަައީސް މުޢިއްޒު ވިދާޅުވިއެެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު މިރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއެއް ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓުންނަށް ލިބިއްޖެ ނަމަ ރައްޔިތުންގެ ފުދުންތެރިކަން ޔަގީންކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން