ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ ހޯދުމަށް ސަރުކާރުން ދައްކަނީ ދަޅައެއް ކަމަށާއި އެމަޅީގައި ރައްޔިތުން ނުޖެހުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް އެމްޑީޕީން މިއަދު ހަވީރު ބޭއްވި ހިނގާލުން ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ މި ސަރުކާރުން ގެންދަނީ މާލޭގެ ރައްޔިތުންނަށް ދަޅަ ދައްކަމުން ކަމަށެވެެ. ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން ތަރައްގީގެ މަސައްކަތްތައް ކުރަނީ ހަމައެކަނި އިންތިހާބަށްޓަކައި ވޯޓް ހޯދުމަށް ކަމަށެވެ.

މި ސަރުކާރު ހިނގަމުންދާ ގޮތުގެ މައުލޫމާތު އާއްމުންނަށް ނޭނގޭކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެގޮތުން މާލިއްޔަތާ ގުޅޭ މައުލޫމާތު އަދި ހޯދަން އެދޭ މައުލޫމާތު ވެސް ސަރުކާރުން ހާމަ ކުރަމުން ނުދާ ކަމަށް ސޯލިހު ވިދާޅުވިއެވެ. ސޯލިހު ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުކޮށް، ހަރަދު އިންތިހާއަށް ބޮޑުކޮށްފައިވާ ކަމަށާއި ސަރުކާރު މާލިއްޔަތުން ކެމްޕެއިން ކުރުމަށް އެތައް މިލިއަނެއް ހަރަދުކޮށްފައިވާ ކަމަށެވެ.

އެކަން ހުއްޓުވައި ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީއަށް މަޖިލިސް ދީގެން ކަމަށާއި އެމްޑީޕީއަށް ދޭ ވޯޓަކީ ގޯއްޗާއި ފްލެޓު ކަށަވަރުކޮށް، ހުއްޓާލާފައި އޮތް ތަރައްގީގެ މަޝްރޫއުތައް އަލުން ފެށުމަށް ދޭ ވޯޓެއް ކަމަށް ސޯލިހު ވިދާޅުވިއެވެ. އަންނަ އާދިއްތަ ދުވަހުގެ އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުންނަށް ދޭ ވޯޓު ދެވެނީ ތަރައްގީއާ ދެކޮޅަށް، މަޝްރޫއުތައް ހުއްޓާލުމަށް ކަމަށް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް މުޢިއްޒު ގެންދަވަނީ ރައްޔިތުންނަށް އިތުރުފުޅު ހައްދަވައި އޮޅުވާލައްވަމުން ކަމަށެވެ.



ރައީސް ސޯލިހް އިތުރަށް ވިދާޅުވީ އަންނަ މަޖިލީހުގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވާތަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެެވެ. ކެމްޕޭންގައި ގިނަ ރަށްތަކަށް ވަޑައިގެންނެވި އިރު ކޮންމެ ދިމާލަކުން ވެސް ފެނިވަޑައިގެންނެވީ މާޔޫސްކަން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ނުގެންދަވާތީ އެކަމާއި މެދު އާއްމުން ކަންބޮޑުވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމާއިއެކު މި ސަރުކާރު ޖަވާބުދާރީކުރުވަން ކުރަން ޖެހޭ ހުރިޙާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި ގައުމުގެ މިސްރާބު ހަމަ މަގަށް އެޅުވުމަށް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން