މިސަރުކާރުން ބޭނުންވަނީ ބަދަލު ހިފުމުގެ ރޫޚު ތާއަބަދަށް މިގައުމުން ނައްތާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގައި، މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިގައުމުގައި ހަމަނުޖެހުން އުފައްދަން ބޭނުންފުޅު ނުވާ ކަމަށާއި، ބޭނުންވަނީ ބަދަލު ހިފުމުގެ ރޫޚު ތާއަބަދަށް މިގައުމުން ނައްތާލުން ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކާއި ހިލާފަށް ސިޔާސީ ޚިޔާލު ތަފާތުވިޔަކަސް މިސަރުކާރުން އެއްވެސް ބަޔަކު ފުލުސް އޮފީހަށް ގެންގޮސް ހައްޔަރު ނުކުރާނެ ކަމަށެވެ.

"އަޅުގަނޑު ބޭނުމެއްނޫން މިގައުމުގަ ހަމަނުޖެހުން ގާއިމު ކުރާކަށް. މިދިޔަ ފަސް މަހުގެ ތެރޭގައި ފެނިފަ އޮންނާނީ މިތަން. އެއްވެސް ބޭފުޅަކަށް ފެނިވަޑައިނުގަންނަވާނެ ސިޔާސީ ޚިޔާލު ތަފާތުވެގެން ފުލުސް އޮފީހަށް ގެންގޮސް މީހަކު ހައްޔަރު ކުރިތަނެއް،"

ރައީސް ވިދާޅުވީ މީގެ ކުރީގައި ރައީސްކަން ކުރައްވާ ބޭފުޅުން އޮޓަމެޓިކުން ޖަލަށްލާފައިވާކަމަށާއި، ނަމަވެސް މިފަދަ މަންޒަރެއް މިސަރުކާރުން ނުފެންނާނެކަމަށެވެ. އަދި މިސަރުކާރުގެ އަމާޒަކީ ބަދަލު ހިފުމުގެ ރޫޚު ނައްތާލައި، ހަމަޖެހުން ގާއިމުކުރުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިދިކޮޅުން ފެންނަނީ ބަދަލު ހިފުމުގެ ރޫހެއް ކަމަށްވިޔަސް، ސަރުކާރުގެ ފަރާތުން މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން މަސައްކަތް ކުރައްވާނީ ބަދަލު ހިފުމުގެ ރޫޙު ތާއަބަދަށް މިގައުމުން ނައްތާލުމަށްކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ހަމަޖެހުން ގާއިމުވާން. ބަދަލު ހިފުމުގެ ރޫޙު ތާއަބަދަށް މިގައުމުން ނެތިގެންދާން. އެވިސްނުމުގެ ކެންޑިޑޭޓުން އަޅުގަނޑުމެންގެ ފަރާތުން މިތިއްބެވީ،" ރައީސް ވިދާޅުވިއެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން