ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން އިސްކުރަންވީ މަސްލަހަތަކީ ސަރުކާރަށް ފުރުސަތު ދިނުމުގެ ވިސްނުން ކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ރައްޔިތުން ވޯޓް ދޭއިރު އިސްކުރަންވީ އަމިއްލަ މަސްލަހަތު ނޫން ކަމަށެވެ. އޭގެ ބަދަލުގައި އިސްކުރަންވީ ގައުމުގައި ހަމަޖެހުން ގާއިމް ކުރުމުގެ ވިސްނުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އިންތިހާބުގައި ވޯޓް ދޭއިރު ދިވެހި ރައްޔިތުން އިސްކުރަންވީ މަސްލަހަތަކީ ސަރުކާރަށް ފުރުސަތު ދިނުމުގެ ވިސްނުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އިސްކުރަންވީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެ އެކަންކަން ކޮށްދިނުމުގައި ރެއާއި ދުވާލު ހޭދަކުރަމުންދާ ސަރުކާރެއް ރައްޔިތުން ހޮވާފައި އެ ސަރުކާރަށް ފުރުސަތު ދިނުމުގެ ވިސްނުން، އެއީ އިސްކުރަންވީ މަސްލަހަތަކީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓުން ރައްޔިތުން އިންތިހާބުކޮށްފިނަމަ ތަރައްގީ ޔަގީންވެ ގައުމުގައި ހަމަޖެހުން ގާއިމްވެގެންދާނެ ކަމަށެވެ. ރަައީސް ވިދާޅުވީ ގައުމުގައި ހަަމަނުޖެހުން ގާއިމް ކުރަން ސަރުކާރުން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ނަތީޖާ ނެރެ ދައްކައިދިނުމަށް ކަމަށާއި އެކަމަށް ދިވެހި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން އެކަމަށް މަގު ފަހިކުރުމަށް މަޖިލީހަށް ސަރުކާރު ކެންޑިޑޭޓުން އިންތިހާބު ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ގޮންޖެހުންތަކެއް މިހާރު ވެސް ކުރިމަތިވަމުންދާ ކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރާއި 7 މަސް ދުވަހުގައި މި ސަރުކާރުން ވައުދުތައް ފުއްދުމަށް ކުރަން ޕްލޭންކޮށްފައި ހުރި ކަންކަން ކޮށް ނަތީޖާ ނެރެދީ ދެއްކުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބޭނުންވާ އެއްބާރުލުން ނުދޭނެ ބަޔަކު ހޮވައިގެން ރައްޔިތުން އެދޭތެރޭގައި ތާށިކުރުވަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އެގޮތުން ޕާޓީގެ ވިޕްލައިނާ ހުރެ ގައުމު ހަލާކަށް ވައްޓައިލާނެ ބަޔަކު ރައްޔިތުންގެ މަޖިލީހަށް ހޮވައިގެން ނުވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެެވެ. ރައީސް ވަނީ އެފަދަ ބަޔަކު މަޖިލީހަށް ހޮވުމަށް ރައްޔިތުން ފުރުސަތު ނުދިނުމަށް ގޮވާލައްވާފައެވެ.

"ވިޕްލައިނެއް އެޅީމާ އެ ވިޕްލައިނާ ޚިލާފު ނުވެވޭނެތީއެއަށް ވޯޓު ނުދެވޭނެ ކަހަލަ މީހުނެއް ނޫން ހޮވަންވީކީ، ވަރަށް ސީރިއަސް ވާހަކަ އެއް މިއީ އެ ވިޕްލައިނާ ހެދި ގައުމު ހަލާކުގެ ތެރެއަށް ވައްޓައިލާނެ ބަޔަކު ހޮވައިގެން ނުވާނެ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން