ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި 132 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިޙްތިރާމު ކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 0600 ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު، ޣައްސާން މައުމޫން ކަމަށެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޣައްސާނު މައުމޫން ވަނީ ސިފައިންގެ 132 ވަނަ އަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިޢާރުކަމުގައިވާ، "ޤައުމުގެ މިނިވަންކަން – ސިފައިންގެ ސާބިތުކަން" މި ޝިޢާރު ހާމަ ކޮށްދެއްވާފައެވެ. 

މީގެއިތުރުން، ދިވެހި އަސްކަރިއްޔާއިން އަހަރަކު ދެފަހަރު ނެރެމުން އަންނަ "އައްޑަނަ މަޖައްލާ" ގެ 34 ވަނަ ޢަދަދު ވެސް ދިފާޢީ ވަޒީރު ޣައްސާނު ނެރެއްދެއްވިއެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވިއެވެ.

މި ރަސްމިއްޔާތު ނިމިގެން ދިޔައީ ޚާއްޞަ ދުޢާ އަކާއި ސިފައިންގެ ލަވައިންނެވެ. ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިޙްތިރާމު ކުރުމުގެ ގޮތުން ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ޤާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ މިއަދު ހެނދުނު މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 އެޕްރީލް 21 ވަނަ ދުވަހުއެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ 21 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން