އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ދިވެހިރާއްޖޭގައި ފަހުގެ ތާރީހެއްގައި ބޭއްވި އެންމެ އަމާން އިންތިހާބު ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ވޯޓްލުން ކުރިއަށް ގެންދިޔައީ ހެނދުނު 8 ކުން ފެށިގެން ހަވީރު 05:30 އަށެވެ. އިންތިހާބުގެ ސަލާމަތީ އެންމެހައި ކަންކަން ބަލަހައްޓާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެެވެ. އެގޮތުން ވޯޓްލުން ފެށިގެން ނިމެންދެން ހުރިހާ މަރުކަޒެއްގައި ފުލުހުން ހަރަކާތްތެރިވެ ސެކިއުރިޓީ ފޯރުކޮށްދީފައި ވެއެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ އިންތިހާބަކީ ފަހުގެ ތާރީހުގައި ބޭއްވި އެންމެ އަމާން އިންތިހާބު ކަމަށާއި އެކަމަށްޓަކައި ދިވެހި ލޮބުވެތި އެއްމެހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވަނީ ދިވެހި ފުލުހުން އިންތިހާބުގެ ސަލާމަތީކަންކަން ބެލެހެއްޓުމުގައި ގެންގުޅުއްވި ހަރުދަނާ އުސޫލުތަކާއި ހިންގި ކާމިޔާބު އޮޕަރޭޝަނަށްޓަކައި ކޮމިޝަނަރަށާއި ހުރިހާ ފުލުހުންނަށް މަރުހަބާ އާއި ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ފުލުހުންނަށް ދެއްވާ މުހިއްމު ހާއްސަ އިރުޝާދުތަކަށްޓަކައި އިހުސާން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވޯޓާ ގުޅިގެން ހިންގި ކަންތައްތަކުގެ ޖުމުލަ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިންތިޚާބާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އިންތިޚާބާ ގުޅިގެން ހިންގި އޮޕަރޭޝަންގައި އެކަކު ހައްޔަރުކުރީ ވޯޓު ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިންނެވެ. އަނެއް ދެ މީހުން ހައްޔަރުކުރީ ގދ. ފިޔޯރީން ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގައިލާ ވޯޓުލުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެެ.

އިއްޔެ ބޭއްވި މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީންނެެވެ. އެގޮތުން 93 ދާއިރާ އަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބުގައި 70 އަށް ވުރެ ގިނަ ޕީއެންސީ ކެންޑިޑޭޓުން ވަނީ އިންތިހާބު ކާމިޔާބުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން