ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިއްޔެ ފެނިގެން ދިޔައީ ރައްޔިތުން ސަރުކާރަށް ކުރާ ފުރިހަމަ އިތުބާރާއި އުންމީދުކަމަށް ޕީޕީއެމް/ޕީއެންސީގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ މައިޕާޓީ، ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުމާއި ގުޅިގެން ހީނާ ވިދާޅުވީ އެއްވެސް ސިޔާސަތެއް ނެތި އެންޓި ކެމްޕެއިންކޮށް އަޅުވާ ދޮގު ތުހުމަތުތައް ރައްޔިތުން ބަލައިނުގަންނާނެކަން ސާފުވެފައިވާ ކަމަށެވެ. އަދި މަކަރާއި ހީލަތުން ކުރާ މަސައްކަތްތަކަށް ރައްޔިތުން ސާފުކޮށް ނޫނެކޭ ބުނާނެކަމަށް ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ އިއްޔެގެ އިންތިހާބުން އެނގިގެން ދިޔައީ ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރާ އިތުބާރު ކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީކުރުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ ހީލަތްތެރި ރޭވުންތަކުގެ ތެރެއިން ރައީސް އަޒުލުކުރަން ރައްޔިތުން ޖާގައެއް ނުދޭނެކަން ނަތީޖާއިން އެނގިގެންދިޔަ ކަމަށެެވެ. އަދި ރައްޔިތުން މި ޤައުމުގައި ހަމަޖެހުމާއި އަމާންކަން ދެމިއޮންނަން ބޭނުންވާކަން އެނގިގެންދިޔަ ކަމަށް ހީނާ ވިދާޅުވިއެވެ.

"ދޮގު ދޮލަނގުތަކަށް އެކި ބާވަތްތައް އަޅައިގެން ވިއްކަން ނުކުތަސް، އެކި ދިމަދިމާލުން ނުކުމެ ރައީސްގެ އަބުރު ކަތިލާ އެއްވެސް އަމާޒެއް ސިޔާސަތެއްނެތި އެންޓި ކެމްޕެއިނެއް ކުރިއަސް، އިދިކޮޅު އެންމެން ބައިވެރިވެގެން އެމަނިކުފާނުގެ ބޮލުގައި ދޮގު އިލްޒާމް އަޅުވަން އެކި ރިޕޯޓް ނެރުނަސް، އެކި ދިމަދިމާލަށް މަންދޫބުން ފޮނުވައިގެން އެކިކަހަލަ އުކުޅުތައް ބޭނުންކުރިޔަސް، ދޮގާ މަކަރާ ޙީލަތް ރައްޔިތުން ބަލައިނުގަންނަކަން. ރައްޔިތުންނަށް ހަޤީޤަތް ވަރަށް ސާފުކަން." ހީނާގެ ޕޯސްޓުގައިވެއެވެ.

މީގެ އިތުރުން ހީނާ ވިދާޅުވީ ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތައް އެމަނިކުފާނު ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން