އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ގައުމާމެދު ގެންގުޅުއްވާ ގައުމިއްޔަތުގެ ސިޔާސަތަށް ރައްޔިތުން ފުރިހަމައަށް ތާއީދުކުރާކަން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ އާރިފު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ސަރުކާރުން 71 ގޮނޑި ކާމިޔާބުކޮށް ސުޕަމެޖޯރިޓީއެއްވަނީ ނަގާފައެވެ. އެކަމާ ގުޅުވާ ޢަލީ އާރިފު އެކްސްގައި ވިދާޅުވީ، އިއްޔެގެ ވޯޓުން އެނގިގެން ދިޔައީ ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ހިމާޔަތް ކުރުމާއި، އަމިއްލަވަންތަކަމާ ސަގާފަތާއި ތަރިކަ ރައްކާތެރި ކުރުމާއި، ގައުމުގައި ހަމަޖެހުމާ އަމާންކަން އޮތުމަށް ރައްޔިތުން ތިބީ ސަރުކާރަށް އެއްބާރުލުން ދޭން ތައްޔާރަށްކަން ކަމަށެވެ.

އޭގެ އިތުރުން، ރާއްޖޭގެ އިގުތިސާދު ކުރިއަރުވާ ފުދުންތެރި ގައުމަކަށް ހެދުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތަކާއި ތަރައްގީއާއި ކުރިއެރުމަށް ވެސް ދިވެހީންތިބީ ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށާއި އެކަންކަން ކުރިއެރުވުމަށް ރައީސް ގެންގުޅުއްވާ ޕްލޭނަށް ރައްޔިތުން އެއްބާރުލުން ދޭނެކަން އިއްޔެގެ އިންތިހާބުން އެނގިގެން ގޮސްފައިވާކަމަށް އާރިފް ވިދާޅުވިއެވެ.

ސަރުކާރަށް ބޮޑު މެޖޯރިޓީއެއް ލިބިފައިވާއިރު ކެމްޕޭންގައި ރައީސް ވެސް ވަނީ މި އިންތިހާބަކީ ސަރުކާރު ހިންގުމަށާއި ރާއްޖޭގެ ތަރައްގީއާއި ވަރަށް ބޮޑަށް ގުޅިފައިވާ އިންތިހާބެއްކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ހާއްސަކޮށް ރާއްޖޭގެ އިގުތިސާދު ކޮޅަށް ނެގުމާއި އިސްތިގުލާލާއި ގުޅޭ އެކިކަންކަން ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ބޭނުންވާކަމަށް ރައީސް ދިޔައީ ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން