ރާއްޖޭގެ ތަރައްގީ އަދި ފެށުނީ ކަމަށާއި ދެން ފެންނާނީ އަމަލީގޮތުން ކަންކުރާތަން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އިއްޔެ ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރަން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ތަރައްގީ އަދި ފެށުނީ ކަމަށާއި ދެން ރައްޔިތުންނަށް ފެންނާނީ އަމަލީގޮތުން ކަންކުރާތަން ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ފަސްމަހަށްވުރެ ބުރަކޮށް ތަރައްގީ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަށްވާނެ ކަމަށާއި އެމަނިކުފާނަކީ ބަހަނާ ދައްކާނެ ބޭފުޅެއް ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ވޭތުވެދިޔަ ފަސް މަސް އެއީ އަދި އެއްވެސް އެއްޗެއް ނޫން. ތިޔަ ބޭފުޅުން ދެން އުޅުއްވަން ޖެހޭނީ 24 ގަޑިއިރު ހޭލާ. ހަމަ ސީރިއަސްކޮށް މި ދަންނަވަނީ. އަޅުގަނޑު ބޭނުންވަނީ ރައްޔިތުން ބޭނުންވި ގޮތަށް ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ތަރައްގީގެ ސްޕީޑްގައި މަސައްކަތުގެ ދުވެލި އަވަސް ކުރާނެކަމަށެވެ. އަދި ފާއިތުވި މަސް މަސް ދުވަސް ތެރޭގައި މި ރާއްޖެއަށް ގެންނަން ޖެހޭ މަސައްކަތް ވަނީ ވަރަށް ދަތި އުނދަގުލުން ކަމަށް ފާހަގަކުރަށްވައި ރައީސް ވިދާޅުވީ މިދިޔަ މުއްދަތުގެ ތެރޭގައި ކޮންމެވެސް މިންވަރަކަށް ނަމަވެސް ތަރައްގީ ހާސިލް ކުރެވިފައިވާ ކަމަށެެވެ. އަދި ކުރިއަށް ދެން އޮތީ ރައްޔިތުން ކުރެއްވި އިތުބާރާއި ދެއްވި ތާއިދުގެ މައްޗަށް މި ފަސް މަހުގައި ކުރެވުނު މަސައްކަތުގެ އެތައް ގުނައެއް ސްޕީޑު އަވަސްކޮށް ދިވެހި ރައްޔިތުން ބޭނުންވާ ތަރައްގީގެ މަސައްކަތް ފެށުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މި ގައުމުގެ ކުރިމަގު ވަރަށް އުޖާލާކަން މިއަދު ޔަގީންކުރެވިފައިވާކަމަށެވެ. ރައީސް ވިދާޅުވީ ނުބައި މިސްރާބަކުން ދަނިކޮށް ރަނގަޅު ހެޔޮ މިސްރާބަށް ދިވެހިރައްޔިތުންގެ ބުރަ މަސައްކަތުން މިދިޔަ ރިޔާސީ އިންތިހާބުގައި ގެނެސްފައި ކަމަށެެވެ. އެމަސައްކަތް ބޭކާރުވިޔަ ނުދިނުމަށްޓަކައި އަނެއްކާވެސް އެހާމެ ބުރަ މަސައްކަތެއް ރައްޔިތުންކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވަނީ މި ގައުމު މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ކުރިއަށްދާ އިސްލާމީ ޝިޔާރު މަތިވެރިކުރާ ގައުމެއްގެ ގޮތުގައި އޮތުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މިނިވަންކަން ޔަގީންވެފައި އޮތުމަށާއި އަދި ރައްޔިތުން އެދޭ ތަރައްގީ ބާރު ދުވެލީގައި ހޯދުމަށާއި މި ގައުމުގައި ދެން އޮންނަންވާނީ ހަމަޖެހުމާއި ހިންހަމަޖެހުންކަން ދިވެހިރައްޔިތުން ސާބިތުކޮށްދީފި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް މިރޭ ވެސް ވަނީ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ތާއަބަދަށް ހައްލުކޮށްދިނުމުގެ ވައުދު ފުއްދައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން