ސިޔާސީ ލީޑަރުން އެކުވެރިވެ، ގައުމާއިގެން ސަރުކާރާއިއެކު ކުރިއަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރަން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމީހަކު ގެންގުޅޭ ސިޔާސީ ފިކުރެއްގެ ސަބަބުން އެއްވެސް ރައްޔިތަކާމެދު ތަފާތު ނުކުރައްވާނެ ކަމަށެވެ. އެގޮތުން މީހެއްގެ ސިޔާސީ ވިސްނުން ހުރިގޮތަކުން އެމީހަކާއި މެދު ފިޔަވަޅެއް ނާޅާނެ ކަމަށް ރަައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ޕާޓީއަކު ހުރި ނަމަވެސް ދިވެހި ކޮންމެ ރައްޔިތަކު އެމަނިކުފާނަށް މުހިންމު ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަކީ އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހަމަހަމަ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއިން ކޮންމެ ބޭފުޅަކާމެދު އަޅުގަނޑުގެ ހިތުގަ އޮތީ ލޯތްބާއި ގަދަރު. އެހެންވީމާ އެއްވެސް ބޭފުޅަކަށް ތަފާތެއް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރަައީސް މުޢިއްޒު ވިދާޅުވީ ދިވެހި ގައުމަކީ ދިވެހި ރައްޔިތުންނާއި ހުރިހާ ސިޔާސީ ލީޑަރުންގެ ގައުމު ކަމަށެެވެ. ރައީސް ވިދާޅުވީ ވާދަވެރި ކަމާއެކު އިންތިހާބު ވެސް ނިމިފައިވާ ކަމަށެވެ. އެހެންކަމުން ޚިޔާލު ތަފާތުވުންތައް ދޫކޮށް ގައުމައިގެން ކުރިއަށް ވަޑައިގަތުމަށް ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށް ރައީސް މުޢިއްޒު ވަނީ ދައުވަތު ދެއްވާފައެވެ.

"ސިޔާސީ ވެެރިންނަށް ވެސް ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް އަޅުގަނޑު ދަންނަވާލާނީ ހިންގަވާށޭ ކުރިއަށްދާން، މި ގައުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމު. މި ގައުމަކީ ކޮންމެ ދިވެހި ލޮބުވެތި ރައްޔިތެއްގެ ވެސް ގައުމު. އެހެންވީމާ ހުރިހާ ބޭފުޅުން އެކުވެރިކަމާއެކީގައި އަތުކުރި އޮޅާލައިގެން އެންމެން އެކީގައި ހިނގާށޭ ކުރިއަށްދާން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެނަށް ލިބޭނެއޭ އެ އުފާވެރިކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މި ގައުމު ތަރައްގީކޮށް ކުރިއަށް ގެންދިއުމަކީ މި ގައުމުގެ އެންމެންގެވެސް ފަހުރަކަަށް ހެދުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން