ހުޅުމާޅޭ ގައި ކޯވިޑްގެ ބަލިމީހުންނަށް ޚާއްޞަކޮށް ހަދާފައިވާ ފަރުވާދޭ މަރުކަޒު؛ މިހާރު ގިނަ ބަޔަކަށް ފަރުވާދެވެމުން ދަނީ މި މަރުކަޒުގައި
ހުޅުމާޅޭ ގައި ކޯވިޑްގެ ބަލިމީހުންނަށް ޚާއްޞަކޮށް ހަދާފައިވާ ފަރުވާދޭ މަރުކަޒު؛ މިހާރު ގިނަ ބަޔަކަށް ފަރުވާދެވެމުން ދަނީ މި މަރުކަޒުގައި
ކޯވިޑް-19 އަށް މާލެ އިން ޕޮޒިޓިވްވި 10 އަހަރުގެ އަންހެން ކުއްޖަކު މަންމައާ އެކު ބަނޑޮސް ފެސިލިޓީއަށް ގެންދިޔައިރު، ޕޮޒިޓިވް ނުވާ އެ ކުއްޖާގެ ދެ ބޭބެ ވެސް ގެންދިޔަ މައްސަލައިގައި އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން އެކަން ދިމާވި އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ ޕޮޒިޓިވް ނުވާ ދެ ފިރިހެން ކުދިން ބަލި މީހުންނާ އެކު ވެހިކަލްގައި އަދި ލޯންޗުގައި ބަނޑޮހަށް ގެންގޮސް ބަލި މީހުންނާ އެކު ތިބެން މަޖުބޫރުކުރުވުމަކީ އެ ދެ ކުދިން ވަރަށް ބޮޑު ނުރައްކަލަށް ހުށަހެޅުން ކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެ ކުދިންނާ މެދު އަމަލުކުރި ގޮތަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެ ކަން ހިނގައިގޮސްފައިވާ ގޮތް ބެލިއިރު "ކޮމިއުނިކޭޝަން އެރާ"އެއް އުޅޭ ކަމަށެވެ. އެކަން ހައްލުކުރެވޭނެ ގޮތްތަކެއް އާއިލާއާ ވާހަކަ ދައްކައިގެން ހޯދާނެ ކަމަށް އެޗްއީއޯސީ އިން ބުނެފައިވެއެވެ.



ކުޑަ އަންހެން ކުއްޖާގެ ކުރިން ޕޮޒިޓިވްވީ އެ ކުއްޖާގެ ބައްޕަ ކަމަށް އެނގިފައިވެއެވެ. ހައްޖު ދުވަހު، ހުން އައިސްގެން މާފަންނު ފްލޫ ކްލިނިކަށް ޓެސްޓް ހަދަން ދިޔައިރު އެތަނުން އެކަން ނުވެގެން ޓެސްޓްކުރީ މަގުމަތިން ރެންޑަމް ސާމްޕަލް ނަގާ ރެޕިޑް ރެސްޕޯންސް ޓީމެއް ލައްވާ ކަމަށް އާއިލާ އިން ބުނެ އެވެ. ނަތީޖާ ލިބުމުގެ ކުރިން ގޭގައި ހުއްޓައި އަނބުރައިގަނެގެން އޭނާ ވެއްޓުނީ ކަމަށް އާއިލާ އިން ބުނެ އެވެ.

ބައްޕަ އަށް ފަރުވާދެނީ ހުޅުމާލެ ފެސިލިޓީގަ އެވެ. އަންހެނުންނާއި ތިން ކުދިން ޓެސްޓްކުރި އިރު ޕޮޒިޓިވްވީ އަންހެން ކުއްޖާ އެކަނި ކަމަށްވެއެވެ. އެކުދިންގެ މަންމައާ އެކު އެ ކުއްޖާ ކަރަންޓީން ފެސިލިޓީ އަށް ފޮނުވާލުމަށް ފަހު ދެ ފިރިހެން ކުދިން އާއިލާގެ އެހެން ގެއެއްގައި އައިސޮލޭޓް ކުރުމަށް އެޗްޕީއޭ އިން ވަނީ ނިއްމާފައެވެ. އެކަމަށް ވަކިން ކޮޓަރިއެއް ހަދައި އެޗްޕީއޭ އަށް އަންގައިގެން އެ ކުދިން ބަލާ އަންނަންދެން ތިން ދުވަސް މަޑުކުރަން ޖެހުނު ކަމަށް އާއިލާ އިން ބުނެ އެވެ. ނަމަވެސް ދެ ކުދިން އައިސޮލޭޓްކުރަން އާއިލާގެ އެހެން ގެއެއްގައި ތައްޔާރުކުރި ވަކި އެޕާޓްމެންޓަށް ގެންދަން އެޗްޕީއޭ އިން ހުއްދަ ދީފައެއް ނުވެއެވެ.

އެންމެފަހުން އާއިލާއިން ދޫ ދިނުމުން، ތިން ކުދިން އެކުގައި ބަނޑޮހަށް ގެންގޮސް ބައްޔަށް ޕޮޒިޓިވް ނުވާ ދެ ކުދިން ވެސް ބަލި މީހުންގެ ގޮތުގައި އެޗްޕީއޭ އިން ވަނީ ރިކޯޑްކޮށްފައެވެ. މަންމައާއި ތިން ކުދިން ބޭތިއްބީ އެއް ކޮޓަރީގައި ކަމަށާއި 12 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނާއި މަންމައާއި 10 އަހަރުގެ އަންހެން ކުއްޖާ ނިދަން ހުރީ އެންމެ އެނދެއް ކަމަށް ބުނެ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެޗްއީއޯސީ އިން ބުނީ "އިންޓާނަލީ" އަމަލުކުރަމުން އަންނަ އުސޫލުގައި އޮންނަ ގޮތުން ނަމަ، ގެއެއްގައި އުޅޭ ކުއްޖަކު ޕޮޒިޓިވް ވެ، އެހެން ކުދިން ނެގެޓިވް ނަމަ އެ ކުދިން އައިސޮލޭޓްކުރާނީ އެ ގޭގައެވެ. ދިމާވެގެން އުޅޭ މައްސަލައިގައިވެސް، އާއިލާ އިން އެ ދެ ކުދިންނާ ހަވާލުވެ ވަކިން އެހެން ތަނެއްގައި އެކުދިން އައިސޮލޭޓްކުރަން ބޭނުން ނަމަ އެކަން އެހެން ކުރެވިދާނެތޯ ބަލައި ވާހަކަ ދައްކައިގެން އެންމެ ރަނގަޅުގޮތް ހޯދޭނެ ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ސިއްހީ ދާއިރާއަށް ކަންކަން ރަނގަޅަށް މެނޭޖް ނުކުރެވި ބޮއްސުން ލަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން