ހދ. ވައިކަރަދޫ ބަނދަރު ފަޅުތެރޭ އޮއެދެމޭ މިންވަރު ކުޑަވުމުން ފަޅަށް ވަންނަ އެތައް ހާސް މަހެއް މަރުވާ މައްސަލަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލައި އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރައްވާނެކަމަށް ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އިއްޔެ ވަނީ ވައިކަރަދޫ ފަޅުތެރެއަށް ވަތް އެތައް ހާސް މުށިމަހެއް މަރުވެ ކުނިވެގެން މައްޗަށް އަރާފައެވެ. އަދި އެއީ އެ ރަށު ފަޅުތެރެއަށް ވަންނަ މަސްމަހަށް ދޭތެރެއަކުން ދިމާވާގޮތެއް ކަމަށް އެ ރަށުގެ ކައުންސިލުން ވަނީ ބުނެފައެވެ.

އެ ރަށު ކައުންސިލްގެ ރައީސް ބައެއް ނޫސްތަކަށް ވިދާޅުވެފައިވަނީ، އެ ރަށު ބަނދަރު ހަދާފައި އޮތީ ރައްޔިތުން އޭރު އެދުނު ގޮތާ ޚިލާފަށް އެއްވެސް ވަރަކަށް އޮއެނުދެމޭ ގޮތަށް ކަމަށްވާތީ، ކޮންމެ ހޫނު މޫސުމެއްގައި ވެސް މިކަން ދިމާވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެކަން ދިމާވަނީ ހޫނުވުމުން ފެންގަނޑުގައި ފެހި އުފެދި، މައިކްރޯލްތައް ގިނަވެ، ފަޅުތެރޭގައި އޮކްސިޖަން ހުސްވެގެން ކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލައާއި ގުޅޭގޮތުން މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ، އެ މައްސަލަ އާއި ގުޅޭގޮތުން ކައުންސިލްގެ ރައީސް އާއި ވާހަކަ ދައްކަވާފައިވާނޭ ކަމަށެވެ. އަދި އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރާއި ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތައް އޮޅުންފިލުވާފައިވާނޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާކޮށްގެން އެކަމަށް ހައްލެއް ހޯދުމަށް އިތުރަށް މަސައްކަތް ކުރައްވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން