ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފިއެވެ.

ދަ ޑިމޮކްރެޓްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ވަގުތީ ގޮތުން ގާއިމުކޮށްފައިވާ ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލް ކުއްލި ގޮތަކަށް އެތަނުން ބަދަލުކުރުމަށް ނިންމުމާ ގުޅިގެން، ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިލް ކަންކަމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގެ ކަންބޮޑުން އެ ދަރިވަރުން ފާޅުކުރަމުންދާ ކަމަށާއި އެކަން އެ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

އަދި ތައުލީމު ހާސިލުކުރުމުގައި ބޮޑެތި ދަތިތަކާއި ހުރަސްތައް ދަރިވަރުންނަށް ކުރިމަތިވިޔަ ނުދިނުމަކީ ކަމާބެހޭ އެންމެހާ ފަރާތްތަކުން އަބަދުވެސް ސަމާލުވާންޖެހޭ ކަމެއް ކަމަށާއި ދަރިވަރުންނާ ގުޅޭ ކަންކަން އިންތިޒާމުކޮށް، ވަސީލަތްތައް ގާއިމުކޮށްދިނުން މަތިކޮށްފައިވާ ފަރާތްތަކުން އެކަންކަން މެދުކެނޑުމެއް ނެތި ކަށަވަރުކޮށްދިނުމަކީ އިންތިހާއަށް މުހިއްމު ކަމެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ޑިމޮކްރެޓްސް އިން ވަނީ ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލުގެ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބްތަކުގެ ހިދުމަތްތަކާއި އަދި ހޮސްޕިޓަލުން ހާސިލުކުރުމަށް ކަނޑައެޅިފައިވާ އަމަލީ ތަޖުރިބާތައް ހާސިލުކުރުމަށް އެއްވެސް ދަތިކަމެއް ނާންނާނޭހެން އިންތިޒާމްތައް އަވަސް ފުރުސަތެއްގެ ތެރޭގައި ހަމަޖައްސައިދޭން ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށް ބުނެފައެވެ.

ގައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލްގައި، 2018ވަނަ އަހަރު ވަނީ ގާއިމްކޮށްފައެވެ. ނަމަވެސް ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަން ހުރުމުންކަމަށް ބުނެ މިހާރު ވަނީ މެޑިކަލް ސްކޫލްގެ ޚިދުމަތް އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކޮށްފައެވެ.

އެމްއެންޔޫއިން ބުނީ މި ބަދަލުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށާއި އަމަލީ ތަމްރީނު ތަކަށް ވެސް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ. އެގޮތުން ވަގުތީ ގޮތުން ކެމްޕަހަށް ކިޔެވުން ބަދަލު ކުރި ނަމަވެސް ލެބް ތަމްރީން ތަކާއި ހޮސްޕިޓަލުގެ އަމަލީ ތަމްރީންތައް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދެވޭނެކަން ކަށަވަރު ކޮށްފައިވާ ކަމަށެވެ.

އަދި މިފަދަ ހައްސާސް މައްސަލަ ތަކުގައި މީޑިއާތަކުން ހަގީގަތް އޮޅޭގޮތަށް މައުލޫނާތު ނުފެތުރުމަށް ވެސް ގައުމީ ޔުނިވަރސިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

މިމައްސަލަ މީޑިއާގެ ސަމާލު ކަމަށް އައިސްފައި ވަނީ ދަރިވަރުންގެ ޔޫނިއަންގެ ނަމުގައި ނެރެފައިވާ ނޫސް ބަޔާނެއްގައި ހަގީގަތް އޮޅޭ ގޮތަށް ދައްކާފައިވާ ވާހަކަތަކެއްގެ ސަބަބުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން