ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އާމިނަތު އުއްމުކުލްސޫމާ ޙަވާލުކުރައްވަނީ (ފޮޓޯ- ރައީސް އޮފީސް)
ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އާމިނަތު އުއްމުކުލްސޫމާ ޙަވާލުކުރައްވަނީ (ފޮޓޯ- ރައީސް އޮފީސް)
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އާމިނަތު އުއްމުކުލްސުމް، ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޔަނުކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އާމިނަތު އުއްމުކުލްސޫމް، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އާމިނަތު އުއްމުކުލްސޫމަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ. މިރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އާމިނަތު އުއްމުކުލްސޫމާ ވަނީ ޙަވާލުކުރައްވާފައެވެ.

ޖޭއެސްސީއަށް އާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރެއްގެ ގޮތުގައި އުއްމުކުލްސޫމް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވަނީ ހުސްވި ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.

އުއްމުކުލްސޫމް މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައި ވަނީ ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ދާއިރާއިން އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވަރސިޓީންނެވެ. މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުން އަންނަ ނެޝަނަލް ސެންޓަރ ފޯރ ދި އާރޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ފުރުއްވި އުއްމުކުލްސޫމް ވަނީ އޭގެ ކުރިން މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އިސް މަޤާމުތައް ވެސް ފުރުއްވާފައެވެ.

ޖޭއެސްސީގައި 10 މެމްބަރުން ތިއްބަވާއިރު އާންމުންގެ ތެރެއިން މެމްބަރަކު އައްޔަނުކުރުމާއި ގުޅިގެން މިހާރު ހުސްކޮށް އޮތީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅާގެ މަގާމު އެކަންޏެވެ. އެއީ އެ މަގާމުގައި ހުންނެވި ޑރ. އަލީ ޝަމީމް އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން