އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލާފައިވާ މީހުން އަލުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ނަރުހުންނާއި، އެހެނިހެން ސިއްހީ ހިދުމަތްތެރިން، އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ޚާއްސަ ސިޔާސަތެއް އެކަށައެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް މުއިއްޒު މީގެ ކުރިން އޮތީ ނިންމަވާފައެވެ.

ހަމަ އެހެންމެ ސިއްހީ ދާއިރާ އެކޭ އެއްގޮތަށް ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރާ އެހެން ދާއިރާތަކަށްވެސް ފުރުސަތު ދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ކުރިން އޮތީވެސް ވިދާޅުވެފަ އެވެ.

އެ ނިންމުން ތަންފީޒުކުރައްވަން އެމަނިކުފާނު މިއަދު ނިންމެވިއިރު ސިވިލް ސަރވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގައާއި، ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާއަދާކުރުމަށް ޝައުޤުވެރިކަންހުރި، އެ ދާއިރާތަކުގައި ވަޒީފާއަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް މިިހާރު ވަނީ ނިންމައިފަ އެވެ.

އަދި އެގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖެއްސެވުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

"ހަމަ އެއާއެކު އެކިއެކި ޓެކްނިކަލަ ދާއިރާތަކުން ތަމްރީނުވެގެން ރާއްޖޭގައި މަސައްކަތްކުރާ ދިވެހިން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރުއެޅުމަށްޓަކައި، އެ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށްވުމާއެކު، އެފަދަ ފަރާތްތަކަށް ހާއްސަ 'ޕޭ ސްޓްރަކްޗަރ' އެއް އެކުލަވާލެއްވުމަށް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައެޅޭ ބަޖެޓުގެ ތެރެއިން އެންމެ މަދުވެގެން 50 އިންސައްތަ ހުރިހާ ދާއިރާއެއްގެ 'ހައިލީ ޓެކްނިކަލް ފީލްޑްތަކަށް' ހާއްސަކުރުމަށްވެސް ވަނީ ނިންމަވާފައެވެ." ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ލިއުމުގައި ބުނެފައި ވެއެވެ.

ކުރީގެ ސީއެސްސީ މުވައްޒަފުންނަށް ފުރުސަތު ދޭން ނިންމީ ސީއެސްސީއަށް މީހުން ރެކްރޫޓްކުރުމުގެ އިޖުރާޢަތުތައް ހުރި ގޮތުން މީހުން ލިބުން ދަތިނޫން މަގާމުތަކަށްވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ހިދުމަތް ދިނުމުގައްޔާއި، މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިވާތީ ކަމަށް ބުނެފައި ވެއެވެ. އަދި މިގޮތަށް ހަމަޖެއްސީ ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ މީހުން ރެކްރޫޓުކުރުމަށް ދަތިވާތީ ކަމަށް ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން