އިންސާނީ ހައްގުތަކުގެ ރެކޯޑްސް މުރާޖާ ކުރާ ޔޫޕީއާރް ފޯރަމްގައި ރާއްޖެއިން ބައިވެރިވަމުންދާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު) ގެ 46 ވަނަ ފޯރަމް ޖެނީވާގެ ޕެލެސް ޑެސް ނޭޝަންސްގައި ފަށާފައި ވަނީ މިއަދު އެވެ. ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ މި ޖަލްސާ ކުރިއަށްދާނީ 10 މެއި 2024 ގެ ނިޔަލަށެވެ.

މި ފޯރަމްގެ ތެރޭގައި ސަތާރަ ދައުލަތަކުން އެގައުމެއްގެ އިންސާނީ ހައްގުތަކުގެ ރެކޯޑްތައް މުރާޖައާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ރިވިއު ކުރާނެ ގައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން، ޗިލީ، ކެމްބޯޑިއާ، ކޮމޮރޯސް، ސައިޕްރަސް، ޑޮމިނިކަން ރިޕަބްލިކް، އެރިޓްރިއާ، ނިއުޒީލެންޑް، ނޯތު މެސެޑޯނިއާ، ސްލޮވާކިއާ، އުރުގުއޭ، ވަނޫއަޓޫ، ވިއެޓްނާމް އަދި ޔަމަން ހިމެނެއެވެ.

ޔޫޕީއާރު ވޯކިން ގްރޫޕުން އަހަރަކު ތިން ޖަލްސާ ބާއްވަ އެވެ. މި ބައްދަލުވުންތަކުގެ މަގްސަދަކީ އދ ގެ ހުރިހާ މެމްބަރު ގައުމުތަކަކުން އިންސާނީ ހައްގުތައް ކަށަވަރު ކުރުން ދަމަހައްޓައި، މިކަމުގެ ހާލަތު ދެނެގަނެ ރިވިއު ކުރުމެވެ. މިއާއެކު ރިވިއު ކުރެވެމުންދާ ދައުލަތްތަކުން އެމީހުންގެ އިންސާނީ ހައްގުތަކުގެ ވާޖިބުތައް ތަންފީޒުކުރުމަށް އިތުރަށް ރަނގަޅު ކުރެވޭނެ ކަންކަމާ ބެހޭ ގޮތުން ބިނާކުރަނިވި ލަފާތަކެއް ދިނުމުގެ ފުރުސަތު، އެކުވެރި މެމްބަރު ގައުމުތަކަށް ލިބިގެންދެ އެވެ.

އެކި ގައުމުތަކުގެ ރިވިއު ޕްރޮސެސް ކުރިއަށްދާއިރު، ކޮންމެ ރިވިއުއަކަށް "ޓްރޮއިކާސް"ގެ ގްރޫޕެއް ހަރަކާތްތެރިވާނެއެވެ. މި ގްރޫޕްގައި ހިމެނެނީ އެ ސްޓޭޓެއް ރިވިއު ކުރުމަށް ރެޕޮޓުއަރުންގެ ގޮތުގައި ކަނޑައަޅާފައިވާ ތިން ގައުމެކެވެ.

ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެއިން މިފަހަރު ތަމްސީލު ކުރަނީ ޔަމަނުގެ އިންސާނީ ހައްގުތަކުގެ ރެކޯޑްތައް މުރާޖައާ ކުރުމަށް ކަނޑައަޅާފައިވާ ޓްރޮއިކާސްގެ ގްރޫޕްގައެވެ.

ޔޫޕީއާރުގެ 46 ވަނަ ފޯރަމުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގެ އިސްކޮށް ހަރަކާްތްތެރިވަނީ ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ ދާއިމީ ސަފީރު ޑރ. ސަލްމާ ރަޝީދު އެވެ. މި ފޯރަމްގައި ބައިވެރިވާ ދިވެހި ވަފްދުގެ ތެރޭގައި، ކައުންސިލަރ އާދަމް ހަމީދާއި އަލްއުސްތާޒާ އާމިނަތު ޝިފާޔާ އިބްރާހީމް، އަދި ސެކަންޑް ސެކްރެޓަރީ މަރިޔަމް ފާތިކާ ފަޔާޒާއި، ޕާމަނަންޓް މިޝަނުން ރާޢީދު ސަޢީދު ހިމެނިވަޑައިގަންނަވައެވެ.

ޔޫޕީއާރުގެ 46 ވަނަ ފޯރަމްގައި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާއި އިސްކަންދޭ ކަންކަމާ އެއްގޮތަށް، ދިވެހިރާއްޖޭގެ ވަފުދުން، ބިނާކުރަނިވި ލަފާތަކެއް ފޯރުކޮށްދީ އެއްބާރުލުން ދޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން