ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލު ކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ސަރުކާރުން ނިންމައިފި އެވެ.

ވަޒީރުންނާ ސުވާލު ކުރަން މިރޭ އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ގެންދިޔަ "އަހާ ޕްރޮގްރާމް" ގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ސްޓޫޑަންޓް ލޯނަަށް ޝަރުތު ހަމަވާނަމަ އެ ދަރިވަރަކަށް ލޯނު ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މާރިޔާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ސްޓޫޑެންޓް ލޯނުގެ ކަންކަން ވީހާވެސް ފަސޭހަކޮށްދީ، މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ.

މިއަހަރު ސަރުކާރުން މަތީ ތަޢުލީމުގެ ލޯނަށް 500 ޖާގަ ވަނީ ހުޅުވާލާފައެވެ. ސްޓޭޑަންޓް ލޯނުގެ އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ދުވަހުގެ މެންދުރުފަހު 1:30ގެ ނިޔަލަށެވެެ.

މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް އެދި ހުށައެޅޭނެ ކަމަށާއި އަދި ރާއްޖޭން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް އެދި ލޯނަށް ހުށަހެޅޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން