އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
އަލުން ލޮކްޑައުންއަކަށް ދިއުމުގެ ބަދަލުގައި ކުރަންވީ ކަމަކީ ބަލިން ރައްކާތެރި ވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފު (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އިތުރުވަމުން ދިއުމާގުޅިގެން އަލުން ލޮކްޑައުން އަކަށް ދިއުމާމެދު ކުރެވޭ ބަހުސާއި ގުޅޭގޮތުން ޚިޔާލު ފާޅުކުރައްވަމުން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު މިއަދު ވިދާޅުވީ، ފުރަތަމަ ފުރަބަންދަކަށް ދިޔައީ ބަލި ފެތުރުން ކޮންޓްރޯލްކޮށް، ސާޖެއް އައުމުގެ ކުރިން ސިއްހީ ނިޒާމް އެކަމަށް ތައްޔާރުވުމަށްޓަކައި ކަމަށެވެ. އަދި ފުރަބަންދުގެ މުއްދަތުގެ ތެރޭގައި އައިސޮލޭޝަން ފެސިލިޓީތައް ގާއިމުކޮށް، އައިސީޔޫ ބެޑްތައް އިތުރުކޮށް، ޓެސްޓިން ކެޕޭސިޓީއާއި ސިއްހީ ވަސީލަތްތައްވެސް އިތުރުކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ދެވަނަ ފުރަބަންދަކަށް ދިޔުމަށް ތާއީދު ނުކުރައްވާކަން ހާމަ ކުރައްވައި ޝަރީފް ވިދާޅުވެފައިވަނީ، އަލުން ފުރަބަންދަކަށް ދިއުމުގެ ބަދަލުގައި އާންމު ސިއްހީ ރައްކާތެރި ކަމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ، މާސްކު އެޅުމާއި، އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން އުޅުމާއި އާންމު އިޖުތިމާޢީ ބަދަލުވުންތައް ނުބޭއްވުމާއި އަތް ދޮވެ ސާފު ކުރުންފަދަ ކަންކަން ހަރުދަނާ ކަމާއެކު ތަންފީޒު ކުރަންވީ ކަމުގައި އައްޑޫ ޝަރީފު ވިދާޅުވެފައި ވެއެވެ.

"ދެވަނަ ފުރަބަންދަކަށް ދިއުމުގެ ބަދަލުގައި ކުރަންވީ ކަމަކީ، އާންމު ސިއްހަތުގެ ރައްކާތެރިކަމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް، އުސޫލުތައް ހަރުދަނާ ކަމާއެކު ތަންފީޒުކުރުން.މާސްކްއެޅުމާއި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމާއި އަތް ދިވެ ސާފުކުރުމާއި، އިޖުތިމާޢީ ބައްދަލުވުންތައް ނުބޭއްވުން، އެފަދަ ބައްދަލުވުން ތަކުގައި ބައިވެރި ނުވުން" މެމްބަރު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ވެކްސިނެއް ލިބެންދެން ބަލި ދެމި އޮންނާނެ ކަމަށާއި، އެހެންނަމަވެސް އަވަސް މުސްތަގުބަލެއްގައި ވައިރަހަށް ވެކްސިނެއް ނުހޯދޭނެ ކަން އެނގޭ ކަމަށެވެ. އެހެންކަމުން ކުރެވެން އޮތް ކަމަކީ އެންމެން ގުޅިގެން ބަލިން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް އެޅުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުން އަންނައިރު، ސަރުކާރުން ވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުމަށް މަޖުބޫރުކޮށްފައެވެ. އަދި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ކާފިއު ހިންގަމުން އަންއިރު، ވިޔަފާރިތައްވެސް މިހާރު ރޭގަނޑު 9:30 އިން ފެެށިގެން ބަންދުވާނެއެވެ. ރާއްޖެއިން މިއަދުވެސް ވަނީ އިތުރު 86 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި 56 ދިވެހިންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން