ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލިއިރު އެ ޕާޓީން އެމްޓީސީސީއަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ އެ މައްސަލަ އެ ކުންފުނިން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ކޯޓުގައި ކުރިއަށް ގެންދާތީ އެ މައްސަލަ އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައި ބަދަލާއެކު ޑީއާރުޕީ އުވާލިއިރު، އެ ޕާޓީން 1.1 މިލިއަން ރުފިޔާ އެމްޓީސީސީއަށް ދައްކަން އޮތެވެ. އެހެންކަމުން އެ ފައިސާއަށް އޭރުގެ ރައީސް މައުމޫން ޒިންމާ ކުރުވުމަށް އެމްޓީސީސީގެ ފަރާތުން ވަނީ ސިވިލްކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

އެ މައްސަލައިގައި ސިވިލްކޯޓުން ނިންމީ މައުމޫން އެކަމުގައި ޒިންމާ ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން މައްސަލަ ހައިކޯޓުގައި އެމްޓީސީސީން އޮތީ އިސްތިއުނާފު ކޮށްފައެވެ. އިސްތިއުނާފުގެ މައްސަލަ ކުރިއަށްދިޔައިރު މައުމޫންގެ ފަރާތްޕުޅުން ކޯޓުގައިވަނީ އިޖުރާއީ ނުކުތާއެއް ފާހަގަ ކުރައްވާ، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ފާހަގަ ކޮށްފައެވެ. ނަމަވެސް، ހައިކޯޓުން ނިންމީ މައްސަލަ ކުރިއަށް ގެންދެވިދާނެކަމަށެވެ.

އެހެންކަމުން މައުމޫނުގެ ފަރާތުން މިދިޔަ ހަފްތާގައިވަނީ ހައިކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ކުރިއަށް ގެންދިޔުމާމެދު އަދި ސުޕްރީމް ކޯޓުން ގޮތެއް ނުނިންމައެވެ.

ޑީއާރުޕީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިނުމާއިއެކު ރައީސް މައުމޫންގެ ސަޕޯޓަރުންނާއެކު އެމަނިކުފާނު އުފެއްދެވި ޕާޓީއެކެވެ. އޭރު އެންމެ ބޮޑު އެއް ޕާޓީގެ ގޮތުގައި އޮތްނަމަވެސް، 2008 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުވުމާއިއެކު އެ ޕާޓީ ވަނީ ފަނޑުވެ ބައިބައިވެގެން ގޮސްފައެވެ. ހާއްސަ ގޮތެއްގައި ޕާޓީގެ ޒައީމް ޕާޓީ ދޫކޮށްލެއްވުން ވެގެންދިޔައީ ޕާޓީއަށް އަޅާލާނެ އިތުރު މީހަކު ނުވެ މަގުމަތިވެގެންދިޔަ ސަބަބަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން