މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ފުޅާކޮށް ކުންފުންޏަށް އިތުރު އާމްދަނީ ހޯދުމަށްޓަކައި ރިއަލް އެސްޓޭޓް އިންވެސްޓަންޓްތަކާއި ދިމާއަށް އަމާޒު ހިފާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް މިއަދު ވިދާޅުވީ، ހައްޖު ފަންޑުގެ ނަމުގައި ހާއްސަ ފަންޑެއް ގާއިމްކޮށް ހައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އެހެންކަމުން އެކަމަށް އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.

އެ މަސައްކަތުގެ ދަށުން ހައްޖު ފަންޑުން އެކިއެކި އިންވެސްޓްމަންޓްތައް ކޮށް ކުންފުޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހައްޖު ކޯޕަރޭޝަން ހެދުމަށްޓަކައި ހައްޖަށް ދިއުމަށް ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކާއެކު ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް މިހާރު އެ ކޯޕަރޭޝަނުން ފަށާފައިވާކަމަށް ވަނީ ބުނެފައެވެ.

ހައްޖު ކޯޕަރޭޝަނަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުގެ އިސްނެންގެވުމާއިއެކު އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނި އުފެދުންފަހުން ހައްޖު އަދި އުމްރާ ދަތުރުތަކަށް ބޮޑެތި ލުއިތަކެއް އައިސްފައިވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން