(ވ-ކ) މަޓާޓޯގެ ރައީސް، ސީއީއޯ އަދި ޓުއަރިޒްމް މިނިސްޓަރ
(ވ-ކ) މަޓާޓޯގެ ރައީސް، ސީއީއޯ އަދި ޓުއަރިޒްމް މިނިސްޓަރ
ދިވެހިރާއްޖޭގެ ޖީޑީޕީ ދަށްވަނީ ލަގްޒަރީ ރިސޯޓުތަކުން ގެސްޓްހައުސްތަކަށް ފަތުރުވެރިންގެ މިސްރާބު ބަދަލުވަމުންދާތީ ކަމަށްބުނެ ވޯލްޑް ބޭންކުން ދާދި ފަހުން ނެރުނު ރިޕޯޓު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ)އިން ބަލައި އެއަށް ގޮންޖަހައިފިއެވެ.

ވޯލްޑް ބޭންކުން އެންމެ ފަހުން ނެރުނު ސައުތު އޭޝިއާ ޑިވެލޮޕްމަންޓް އަޕްޑޭޓްގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ކުރިއެރުމުގެ އަންދާސާވަނީ ކުރިން ލަފާކޮށްފައިވާ ހިސާބާއި އަޅާކިޔާއިރު 0.5 އިންސައްތަ ދަށްކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ "އައުޓްޕުޓް ފޯރކާސްޓް" އިތުރުވާނެ ކަމަށް ލަފާކޮށްފައިވަނީ 4.7 އިންސައްތައިންނެވެ.

މި އެޑްޖަސްޓްމަންޓް މައިގަނޑު ގޮތެއްގައި ގުޅުވާފައިވަނީ ފަތުރުވެރިކަމުގެ ހަރަކާތްތައް މަތީ ފެންވަރުގެ ރިސޯޓްތަކުން އެއަށްވުރެ އަގުހެޔޮ ގެސްޓްހައުސްތަކަށް ބަދަލުވަމުންދާތީ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންނަމަވެސް، ވޯލްޑް ބޭންކުގެ މިއެސެސްމެންޓާއި ޚިލާފަށް މަޓާޓޯއިން ދެކޭގޮތުގައި ޖީޑީޕީގެ ކުރިއެރުން ދަށްވުމަކީ ހަމައެކަނި މި ބަދަލަށް ނިސްބަތްވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މި ދަށަށް ދިއުމުން ދޭހަވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައި ސަޕްލައި އާއި ޑިމާންޑާއި ދެމެދުގައިވާ ބޮޑު ތަފާތެއްކަމަށް މަޓާޓޯއިން ބުނެއެވެ. މީގެ އިތުރުން މުޅި ސިނާއަތުގައި އެވްރެޖް ޑެއިލީ ރޭޓްސް (އޭޑީއާރު) ދަށްވެފައިވާކަމާއި އިތުރުވެފައިވާ ސަޕްލައި އަށް ހައްލެއް ހޯދުމަށް ވިސްނުންތެރި މާކެޓިން މަސައްކަތްތަކެއް ނުކުރެވޭކަމަށް މަޓާޓޯއިން ފާހަގަކުރެއެވެ.

ޖީޑީޕީ ދަށަށްދިއުމުގެ މައިގަނޑު ސަބަބަކީ ގެސްޓްހައުސްތަކަށް ޓުއަރިސްޓުންގެ މިސްރާބު ބަދަލުވުންކަމަށް ބުނާ ވިސްނުމާއި ދެކޮޅަށް ޚިޔާލުފާޅުކުރަމުން މަޓާޓޯއިން ބުނެފައިވަނީ 2023 ވަނަ އަހަރު ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ރޭޓަކީ 42.7 އިންސައްތަ ކަމަށާއި މިއީ ރިސޯޓްތަކުގެ 2023 ގެ އޮކިއުޕެންސީ ރޭޓަށްވުރެ މާ ދަށް ރޭޓަކަށްވެފައި ގެސްޓްހައުސްތަކުގެ ރޫމް ރޭޓާއި އޮކިއުޕެންސީ ރޭޓަކީ ރިސޯޓްތަކާއި އަޅާބަލާއިރު ޖީޑީޕީއަށް އެފަދަ އަސަރެއްކުރާނެ ވަރަށް ވުރެ ކުޑަ ޢަދަދެއްކަމަށެވެ. މިކަމުން ދޭހަވަނީ އިޤްތިޞާދު ދަށަށް ދިއުމަކީ މި ބަދަލުގެ ނަތީޖާއެއް ނޫން ކަމަށާއި އޭގެ ބަދަލުގައި މާކެޓްގައި މިހާރު އޮތް ޑިމާންޑްތައް ފުއްދުމުގައި މުޅި ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދައްކުވައިދޭ ކަމެއް ކަމަށް މަޓާޓޯއިން ބުނެއެވެ.

މަޓާޓޯއިން ފާހަގަކުރާ ގޮތުގައި ވޯލްޑް ބޭންކުގެ ރިޕޯޓުގައި ހިމަނާފައިވަނީ ހަމައެކަނި 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ޑޭޓާ ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ފަހުގެ ކުރިއެރުންތަކަށް ބެލިފައިނުވާ ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޓާޓޯއިން އާންމުކުރި ރިޕޯޓެއްގައި 2023 ވަނަ އަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި، ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވަމުންއައި ނަމަވެސް، މުހިންމު ޕާފޯމަންސް އިންޑިކޭޓަރުތަކަށާއި އާމްދަނީއަށް އަސަރުކުރާ ބޮޑެތި ހުރަސްތަކާއި މުޅި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިމަތިލާން ޖެހުނު ކަމަށް މުޅި އަހަރު އެއްކޮށް ފާހަގަކުރެވިފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

މަޓާޓޯގެ ޑޭޓާއިން ދައްކާ ގޮތުގައި ދިވެހިރާއްޖޭގައި 1 ނޮވެމްބަރު 2023 ގެ ނިޔަލަށް ޖުމްލަކޮށް 62،822 އެނދު ވިއްކެންހުރި ނަމަވެސް 2023 ވަނަ އަހަރު ވިކިފައިވަނީ އެންމެ 51 އިންސައްތަ އިންވެންޓަރީއެވެ. މީގެން ދައްކުވައިދެނީ ކަންބޮޑުވާވަރަށް ވަސީލަތްތައް ބޭނުންކުރެވިފައިނުވާކަން ކަމުގައި ވެސް މަޓާޓޯއިން ބުނެއެވެ.

މީގެއިތުރުން މަޓާޓޯއިން ވަނީ 2023 ވަނަ އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާކަންވެސް ފާހަގަކޮށްފައެވެ. ޖުމްލަ 2.6 ބިލިއަން ޑޮލަރު (40 ބިލިއަން ރުފިޔާ) މިމުއްދަތުގެ ތެރޭގައި ދަށްވެފައިވާއިރު އޭގެ ކުރީ އަހަރުދަށްވެފައިވަނީ 160 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) އެވެ. މިއީ ކުރީ އަހަރާއި އަޅާބަލާއިރު 5 އިންސައްތައިގެ ދަށްވުމެކެވެ.

ދިވެހިރާއްޖެއިން އިތުރު ފަތުރުވެރިންނަށް މަރުޙަބާކިޔާފައިވީ ނަމަވެސް ޢާމްދަނީ ދަށްވީ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ލިވްއަބޯޑްތަކުގެ ރޫމް ރޭޓް ވަރަށް ބޮޑަށް ދަށްވުމުންނެވެ. ފަތުރުވެރިން ރާއްޖެއައިސް ތިބޭ މުއްދަތާއި އޮކިއުޕެންސީ ރޭޓްދަށްވުމާއި ގުޅުން ހުރި ގޮންޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރަށްނޭދެވޭ އަސަރުވަނީ ކޮށްފައެވެ.

މިކަންކަމަށް ރިއާޔަތްކޮށް މަޓާޓޯއިން ބުނީ ފުޅާ ދާއިރާއެއްގައި ބަލާއިރު، ދުނިޔޭގައި ފަތުރުވެރިކަމުގައި ވާދަވެރިން އެބައެއްގެ މަންޒިލްތައް ގަދައަށް ޕްރޮމޯޓް ކުރަމުންދާކަމަށެވެ. ނަމަވެސް ދިވެހިރާއްޖެއަށް ދިމާވެފައިވާ ހުރަސްތައް އިތުރުވެގެންދާ ސަބަބުތަކުގެ ތެރޭގައި ފްލައިޓް ދަތުރުފަތުރުގެ އަގު ބޮޑުވުމާއި، އިންފްލޭޝަން އާއި، ޖިއޮޕޮލިޓިކަލް ކޯޅުންތަކާއި، ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނޭކަމަށް މަޓާޓޯއިން ބުނެއެވެ.

އެންމެ ބޮޑު މައްސަލައަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައި ސަޕްލައި އާއި ޑިމާންޑް ދިމާ ނުވުންކަމަށްވެސް މަޓާޓޯއިން ބުނެއެވެ. އަދި ފަތުރުވެރިކަމުގެ މާކެޓްގެ ކަންކަން ތަރައްޤީވަމުން އަންނަގޮތާއި ވަރުގަދަ ވާދަވެރިކަމުގެ މަންޒަރު ފެންނަމުންދާ މި މާހައުލުން ދައްކުވައިދެނީ މި މުހިންމު ސިނާޢަތުގެ ދިގުމުއްދަތުގެ ތަނަވަސްކަން ކަށަވަރުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އައު ވިސްނުމާއި ޚިޔާލުތަކުގެ މުހިންމުކަން ކަމަށް މަޓާޓޯއިން ފާހަގަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން