ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބުދަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

ރާއްޖޭގެ މީޑިޔާއަކުން މިރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވީ އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބުދަ ދުވަހުގޭ ރޭ ބާއްވަން ނިންމާފައިވާ ކަމަށެވެ. މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ބަލިން އަރައިގަތުމަށް ޕާޓީގެ ތެރޭގައި މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ވީ ބައްޔަކީ އެޕާޓީން އެއްގޮތަކަށް ވެސް ލަފާކުރެވުނު ގޮތެއް ނޫން ކަމަށެވެ. ފައްޔާޒު ވަނީ އެމްޑީޕީ މިހާރު އޮތް ހާލަތުން އަރައިގަތުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީން ކަން އެޕާޓީގެ މެމްބަރުންނަށް އަރުވާފައެވެ.

މަޖިލީހުގެ މެޖޯރިޓީގައި މިހާރު އޮތް އެމްޑީޕީއަށް ނިމިދިޔަ މަޖިލިސް އިންތިހާބުގައި ލިބިފައިވަނީ އެންމެ 12 ގޮނޑިއެވެ. ވިހިވަނަ މަޖިލީހުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އިން ވަނީ 70 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައެވެ. އަމިއްލަ މެމްބަރުންގެ ގޮތުގައި އިންތިހާބުވި މެމްބަރުން ސަރުކާރާއި ގުޅިވަޑައިގަތުމުން އެއަދަދު 76 ކަށް އިތުވެ ސަރުކާރަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން