އުމުރުން 75 އަހަރު ވަންދެން ސަރުކާރަށް ހިދުމަތް ކުރެވޭ ގޮތް ހަމަޖައްސައިދެއްވާނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ސިވިލް ސަރވިސް އަދި ސިއްހީ ހިދުމަތްފަދަ މުހިންމު މައިދާންތަކުގައި އަވަދިނެތިވެ އުޅުއްވުމަށްފަހު، މަސައްކަތާ ފެޔަށް ޖެހިވަޑައިގެންފައިވާ އެތައް ޚިދުމަތްތެރިއަކަށް އަލުން ސަރުކާރުގައި މަސައްކަތް ކުރެއްވުމުގެ ފުރުޞަތު މިހާރު މަގުފަހިކޮށްދެމުންދާ ކަމަށެވެ.

އެގޮތުން އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ގޭގައި ބަހައްޓާ އުސޫލަށް ބަދަލުގެނެސް، ޢުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ހިދުމަތްކުރެވޭނޭ ގޮތް އިރާދަކުރެއްވިއްޔާ ހަމަޖައްސައިދެއްވާނެ ކަމަށް ރައިސް ވިދާޅުވި އެވެ.

އެކަމަކު އޭގެ ސީދާ ތަފްސީލެއް ރައީސް މިއަދު ނުދެއްވަ އެވެ.

އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލާފައިވާ މީހުން އަލުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ މިދިޔަ ހޯމަ ދުވަހު އެވެ. އެއީ ސީއެސްސީއަށް މީހުން ރެކްރޫޓްކުރުމުގެ އިޖުރާޢަތުތައް ހުރި ގޮތުން މީހުން ލިބުން ދަތިނޫން މަގާމުތަކަށްވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ހިދުމަތް ދިނުމުގައްޔާއި، މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި މިގޮތަށް ހަމަޖެއްސީ ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ މީހުން ރެކްރޫޓުކުރުމަށް ދަތިވާތީ ކަމަށް ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން