މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އޮތީ އަލުން ތަރުތީބުވާން ޖެހިފައި ކަމަށް އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެމްޑީޕީއަށް ލިބުނު ބޮޑު ބައްޔަށްފަހު މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށްފަހު ޝާހިދު މިރޭ ވިދާޅުވީ، އެމްޑީޕީއަކީ ކާމިޔާބީ އާއި ނާކާމިޔާބީ ވެސް ތަޖުރިބާ ކޮށްފައިވާ ޕާޓީއެއް ކަމަށެވެ.

އަދި އިންތިހާބުގެ ނަތީޖާއަށްފަހު އަނެއްކާވެސް ޕާޓީ މިވަނީ އަލުން ތަރުތީބުވާން ޖެހިފައި ކަމަށާއި ޕާޓީ ކުރިއަށް ގެންދެވޭނީ އާންމު މެންބަރުންގެ ހިޔާލާއި މަޝްވަރާއާއެކު ކަމަށެވެ.

ޝާހިދު ވިދާޅުވީ، ޕާޓީ މިހާރަށްވުރެ ހަލުވިކޮށް ހިންގުމަށްޓަކައި ޒުވާނުންގެ ދައުރު ވެސް ޕާޓީގައި އިތުރު ވާންޖެހޭކަމަށާއި ގުޅުންތައް ވެސް މިހާރަށްވުރެ ބަދަހިވާން ޖެހޭކަމަށެވެ.

އަދި އެ މަސައްކަތުގައި ކުރިއެކޭވެސް އެއްގޮތަށް ޕާޓީގެ މެންބަރުންނާއެކު ޝާހިދު ހުންނަވާނެކަމަށް އެކްސްގައި ކުރެއްވި ޕޯސްޓްގައި ޝާހިދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ތެރެއިން ޑިމޮކްރެޓްސް އުފެދި ޕާޓީ ބައިބައިވުމަށްފަހު 2023 ގެ ރިޔާސީ އިންތިހާބުގައި ދިމާވި ނާކާމިޔާބީއާއެކު އެ ޕާޓީ އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ނަމަވެސް، ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެ ޕާޓީން ވަނީ އާ ހިތްވަރަކާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް، އެ ޕާޓީއަށް ލިބުނީ އެންމެ 12 ގޮނޑިއެވެ. އެ އިންތިހާބުގައި އަމިއްލަގޮތުން ވެސް 11 މެންބަރަކު އިންހާބުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން