ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކުރުމަށް ޕީސީބީ މިނިވަން މުއަައްސަސާއަކަށް ހެދުމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ގޮވާލައްވައިފި އެވެ.

އަމްރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާގެ ބިރުދެއްކުމާއި މަސައްކަތްތަކުން މަހުރޫމްކޮށްފަ ބޭތިއްބުމާ އަދި ހައްގުވާ ޕްރޮމޯޝަންތައް ހިފަހައްޓާތަން ފެންނަމުންދާ ކަމަށެވެ.

ހަމަ އެހެންމެ މަސައްކަތާ އެއްވަރު އުޖޫރަ ނުދިނުމާއެކު މުވައްޒިފުންގެ މެދުގަ ހަމަހަމަކަން ނުގެންގުޅެ ރައްކާތެރި މަސައްކަތުގެ މާހައުލެއް ނުބާއްވާތަން ވެސް ފެންނަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން އާންމު ކަމަކަށް ވެފައި އޮތް މި ސަގާފަތް ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަންކުރެވޭނީ ޕީސީބީ މިނިވަން މުއައްސަސާއަކަށް ބަދަލުކޮށް، މަޖިލިހުން ޤަވައިދުން ކަންކަން ބަލަމުންދިޔުމާ، މަަސައްކަތްތެރިންނާ ދޭތެރޭ އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަސްނުޖެހޭން ފެށުމުން." އަމްރު ވިދާޅުވި އެވެ.

އެކި ސަރުކާރުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސިޔާސީ އެކި ޕްރެޝަރުތައް ކުރިމަތިވެ އެވެ. އެގޮތުން ސިޔާސީ ކަންކަމުގައި ބައިވެރިވާން މަޖުބޫރުކުރުމާއި އަދި ވަކި ޕާޓީއަކަށް ނިސްބަތްވާތީ މުވައްޒަފުންގެ ވަޒީފާއާއި ޕްރޮމޯޝަންތަކަށް ހުރަސްއަޅާކަމުގެ ތުހުމަތު އޮވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން