ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޖާބިރު މަގާމުން އިސްތިއުފާ ދެއްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ވެރިކަން ކުރާ ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން ފާޑު ވިދާޅުވެފަ އެވެ. އަދި އެއީ ޑިމޮކްރަސީ ފަހަތަށް ސޮއްސާލައިގެން ދިއުން ކަމަށް ވެސް ވަނީ ސިފަ ކުރައްވައިފަ އެވެ.

ހަމަ އެހެންމެ މަޖިލިސް އިންތިހާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގެ ޓިކެޓް އޭނާއަށް ދީފައިވަނިކޮށް ފަހުން ޓިކެޓް އަތުލުމުން އެމްޑީޕީއަށް ވެސް ޖާބިރު ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

އަދި އެމްޑީޕީގެ އަމަލަކީވެސް ޑިމޮކްރަސީއާ ހިލާފު އަމަލެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.

އެހެންވެ އެމްޑީޕީން އޭނާއާ މެދު އަމަލުކުރި ގޮތުންނާާއި އަދި މި ސަރުކާރުގެ މެޖޯރިޓީ މަޖިލީހުގައި އޮތް ކަމަށް ވިދާޅުވެ ޖާބިރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އެމްޑީޕީން ޓިކެޓް އަތުލުމުން ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޖާބިރު ފަހުން ވާދަ ކުރެއްވީ އަމިއްލަ ގޮތުން ނެވެ. ނަމަވެސް އިންތިހާބުން އޭނާއަށް ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ.

ޖާބިރު މަގާމުން އިސްތިއުފާ ދެއްވިއިރު މި ހިނގަމުންދާ މަޖިލިސް ނިމެން އޮތީ މަދު ދުވަސް ކޮޅެކެވެ. އަދި 20 ވަނަ މަޖިލީހަށް މިފަހަރު އިންތިހާބުވި މެމްބަރުން މި މަހު 28 ވަނަ ދުވަހު ހުވާ ކުރައްވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން