ނޫސްވެރިންގެ ހުށައެޅުންތަކާއި އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ހާއްސަ ސަމާލު ކަމެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާ ގުޅިގެން ދެއްވި ހިތާބެއްގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގައުމެއްގެ ދެމިއޮތުމާއި ކުރިއެރުމުގައި ނޫސްވެރީންގެ ބައިވެރިވުމާއި ހިދުމަތް، ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ރެޔާއިދުވާލު ހިނގަމުންދާ ކަންކަމުގެ ހަބަރު ހޯދައި ފޯރުކޮށްދިނުމާއި، މުޖުތަމައު ހޭލުންތެރިކުރުވުމާއި، ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާއި، ދައުލަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ރައްޔިތުންނަށް ބުނެދިނުމާއި، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައިވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ނުހަނު ބޭނުންތެރި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނޫސްވެރީންގެ ހުށަހެޅުންތަކާއި އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަރނެޓާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށްވެސް ފަހި މާޙައުލެއް ރާއްޖޭގައި ދެމެހެއްޓުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގު ހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކޮށް އެކި ދާއިރާތަކުން ތައުލީމާއި ތަމްރީނުގެ ފުރުޞަތު މީޑިއާތަކަށް އިތުރު ކޮށްދީ ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. އަދި އާމްދަނީ ލިބުމަށް އޮތް ދަތިތަކުގެ ސަބަބުން، ރޭޑިއޯ ޚަބަރު ފެތުރުމާއި، ޗާޕު ކޮށްގެން ނޫސް މަޖައްލާ ނެރުން ރާއްޖޭގައި ހުއްޓެމުން ދާތީ ސަރުކާރުން ކަންބޮޑުވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، މީސްމީޑިއާގެ މަންސަތައް އިތުރުވެ، ނުފޫޒު ގަދަވެ، ކޮންމެ މީހަކު ބޭނުންވާ ޚަބަރާއި މަޢުލޫމާތާއި ޝުޢޫރުތައް ވެސް މުޖުތަމަޢަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފޯރުކޮށްދިނުމުގެ ފުރުޞަތު އެބައޮތް ކަމަށެެެވެ. އަދި ހާމަކަން ބޮޑު، ހުޅުވައިލެވިފައިވާ ދުނިޔެއެއްގައި ތެދު މަޢުލޫމާތު ފެތުރުމަކީ، ކޮންމެ ފަރުދެއްގެ އިންސާނީ އަދި ޤައުމީ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ދޮގާއި ތެދު ހިމެނޭހެން ކެނޑިނޭޅި މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނުމާއި، ކޮންމެ ކަމެއްގެ ޙަޤީޤަތްވެސް ހޯދައިބެލުމަށްވެސް، އެންމެން ސަމާލުވާން ޖެހެއެވެ.

"އެއީ، ދުލުން ނުވަތަ ގަލަމުން ކޮށްލެވޭ ޒަޚަމެއްގެ ސަބަބުން އަޅާ ވޭނާއި، އުފެދޭ ނުތަނަވަސްކަމުން، އަންދާޒާ ނުކުރެވޭވަރުގެ ބޮޑެތި ގެެއްލުން މުޖުތަމަޢަށް ލިބިގެން ދިޔަ ނުދިނުމަށްޓަކައެވެ." ރައީސްގެ ޚިތާބުގައިވެއެވެ.

މީގެ އިތުރުން ރައީސް ޚިތާބު ނިންމާލައްވަމުން އެމަނިކުފާނު ވަނީ ނޫސްވެރީންގެ ޤައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކުރުމަށް އިލްތިމާސް ކުރަށްވާފައެވެ. އަދި ޤައުމު ބިނާކޮށް، ޙާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންދިޔުމަށް ފަށާފައިވާ ދަތުރުގައި ސަރުކާރާއި، ނޫސްވެރީންނާއި، ޚިދުމަތްތެރީންނާއި، ހުރިހާ ރައްޔިތުންވެސް އަތުގުޅާލައިގެން އެއްބައިވަންތަކަމާއެކު ކުރިއަށް ދިއުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން