ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ނަހީ ކުރައްވާފައިވާ ކަމެއްކަން މިއަދުގެ ހުތުބާގައި ހަނދާންކޮށްދީފި އެވެ.

މިއަދުގެ ހުތުބާގައި ބުނީ ފާއިތުވީ ތިން އަހަރުގެ ތެރޭގައި ފެމެލީ ކޯޓަށް ވަރިވުމަށް އެދި ތިން ހާސް އަށްސަތޭކަ ވިހި މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކާ ހަވާލާދީ ހުތުބާގައި ބުނީ 2021 ވަނަ އަހަރު 1193، 2022 ވަނަ އަހަރު 1346، އަދި 2023 ވަނަ އަހަރު 1281 ވަރި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން އާންމުކޮށް ވަރިކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ލޯތްބާއި އޯގާތެރިކަން ކުޑަވުމާއި، ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާއި، ޒުވާބު ކުރުމާއި، ތަޅައި އަނިޔާ ކުރުމާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، ޝައްކު ކުރުމާއި، އިތުބާރު ނުކުރުމާއި، ޒިންމާދާރުކަން ކުޑަވުމާއި، މިޒާޖު ތަފާތުވުމާއި، ދޮގުވާހަކަތައް ދައްކައި ބަދުނާމު ކުރުމާއި، އާއިލީ ގުޅުންތައް ނުބޭއްވުމާއި، ދީނީ ކަންކަމަށް ފަރުވާ ކުޑަކުރުމާއި، ހައްގުތައް ބަރާބަރަށް އަދާނުކުރުމާއި، ގަވައިދުން ހަރަދު ނުކުރުމާއި، ދަރިން ކުރިމަތީގައި ތަޅައި އަނިޔާކުރުން ހިމެނޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގައި ވަރަށް ތާކުންތާކު ނުޖެހޭ ސަބަބުތަކުގައި ބައެއް ފަހަރަށް އާއިލީ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހިފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެހެންވެ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި، ޚިޔާލު ތަފާތުވުން އުފެދޭ ހާލަތުގައި، ކެތްތެރިވެ ރުޅީގެ މައްޗަށް ބުއްދި އިސްކޮށް ނަބަވީ އިރުޝާދުގައި ބަޔާން ކޮށްފައިވާ ގޮތަށް ޢަމަލު ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމުކަމެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ.

"ދެމަފިރިންގެ މެދުގައި ގުޅުން ގޯސްވެ އެއްވެސް ޙައްލެއް ނުފެނިއްޖެނަމަ، ވަރި ހުއްދަވާނެ ކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް އަނބިމީހާ ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ." ހުތުބާގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން