ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ 15 ދުވަހަށް ބަންދުކުރުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ހައްޔަރުކޮށްފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންގެ ޚިދުމަތުން ބުނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ބަންދުގައި 15 ދުވަސް ވަންދެން ބެހެއްޓުމަށް ފުނަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މަންޑޭއަށް ސިހުރު ހެދި ކަމަށް ބުނެ ރައްޔިތުން މިއަދު ހެނދުނު ފުނަދޫގެ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ވަނީ އިހުތިޖާޖުކޮށްފައެވެ. ފުލުހުން އެމީހާ ހައްޔަރުކުރުމަށްފަހު ބަންދާއި މެދު ގޮތެއް ނިންމުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ރައްޔިތުން ވަނީ ކޯޓު ދޮށައް އެއްވެ މުޒާހަރާކޮށް އަޑު އުފުލާފައެވެ.

އެމައްސަލައިގައި ކޯޓް ދޮށުގައި ކުރި މުޒާހަރާ ހޫނުވެ އެސްއޯ ފުލުހުން ވަނީ ޕެޕަސްޕްރޭ ވެސް ބޭނުންކޮށްފައެވެ. އެނގިފައިވާގޮތުގައި އެސްއޯ ފުލުހުންގެ ހިމާޔަތުގައި ސިހުރު ހެދި މީހާ ފުނަދޫ އިން މިހާރު ވަނީ ބާލާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސިހުރު ހަދާފައިވަނީ ރަށުގެ އެކި ހިސާބުތަކުގައި ހުރި ބިޔަ ގަސްތަކަށެވެ. ސިހުރު ހަދަން ބޭނުންކުރި ބައެއް ސާމާނު ކަމަށް ތުހުމަތުކުރެވޭ ތަކެތީގެ ފޮޓޯ ވެސް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން