ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާކަމަށް އެމްޑީޕީން ބުނެފިއެެވެ.

ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޫސްވެރިކަމުގެ ކުރިމަގާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ސަރުކާރުން ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށްވެސް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން ސަރުކާރަށް ފާޑުކިޔާ ދެ ނޫހެއް ބްލޮކް ކޮށް ހިޔާލު ފާޅުކުރުމަށް ހުރަސް އަޅާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން އެފާހަގަ ކުރި ދެ ނޫހަކީ ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް މުޖުތަމައުގެ އަދަބު އަޚުލާގީ މިންގަނޑާއި ޚިލާފު ލިއުމާއި މަންޒަރުތައް ހިމަނައިގެން ބަޔަކު ފޮރުވިގެން ތިބެ ނެރެމުންދިޔަ ދެ އޮންލައިން ނޫހެވެ.

އެބަޔާނުގައި ބުނީ ބަސް ބުނުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހޯދުމަށް ދިވެހި އެތައް ރައްޔިތުންނަކާއި ޖެހިލުން ކުޑަ ހިތްވަރުގަދަ ނޫސްވެރިންނާ އެކު އެމްޑީޕީން ކޮށްފައިވަނީ ފަހުރުވެރިވާ ފަދަ މަސައްކަތްތަކެއް ކަމަށެވެ. އެ ކަންކަމުގެ މައްޗަށް ބިނާކޮށް އެ ޕާޓީގެ ދެ ވެރިކަމުގައި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރު ކޮށްދެވުނު ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ނޫސްތަކަށާއި، ޓީވީ ސްޓޭޝަންތަކަށާއި އަދި ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ބިރު ދެއްކުން އިތުރުވެފައިވާ ކަމަށެވެ. އަދި މި އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށް ކަމާގުޅުން ހުރި އިދާރާތަކަށް އެބަޔާނުގައި ވަނީ ގޮވާލާފައެެވެ.

އެމްޑީޕީން މިފަދަ ބަޔާނެއް ނެރެ ސަރުކާރަށް ފާޑު ކިޔާފައިވާއިރު އެމްޑީޕީ ސަރުކާރުގެ އެންމެ ފަހު އަހަރުގެ މައްޗަށް ބިނާކޮށް މިއަހަރު ނެރެފައިވާ ނޫސްވެރިކަމުގެ މިނިވަން ކަމުގެ އިންޑެކްސްގައި ރާއްޖެ ދިޔައީ އެތައް ގުނައެއްފަތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން