މާދަމާ ފެށޭ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިސްލާމިކް ސަމިޓްގެ 15 ވަނަ ޖަލްސާގައި ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ގަމްބިއާގެ ބަންޖުލްގައި ބާއްވާ ސަމިޓުގައި މިނިސްޓަރ ޝަހީމް، ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވާ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

އޯއައިސީގެ އިސްލާމިކް ސަމިޓަކީ ކޮންމެ ތިން އަހަރަކުން އެއްފަހަރު ބާއްވާ ސަމިޓެކެވެ. މިސަމިޓުގައި އިސްލާމީ ގައުމުތަކުގެ ލީޑަރުން، ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކުގައި މަޝްވަރާކޮށް، އެކަންކަމާއި ގުޅޭ ސިޔާސަތު ނިންމައި، އިސްލާމީ އުއްމަތާ ގުޅޭ ކަންކަމުގައި އިރުޝާދު ދެއެވެ.

"ދެމެހެއްޓެނިވި ތަރައްގީއަށް މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުމުގެ" ޝިއާރުގެ ދަށުން އިސްލާމިކް ސަމިޓްގެ 15 ވަނަ ޖަލްސާ އޮންނާނީ މެއި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.

އޯއައިސީގެ މި ފަހަރުގެ ސަމިޓްގައި ފަލަސްތީނުގެ މައްސަލަ ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން