މިއަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރެއިން
މިއަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރެއިން
ކޯވިޑް-19 ގެ ނުރައްކާތެރި ރޯގާބަލިމަޑުކަމުގެ ތެރޭގައި ކާމިޔާބުކަމާއެކު ބޭއްވި ޙައްޖުގެ އަޅުކަމަށްފަހު އުމްރާ ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ސައުދީ ސަރުކާރުން ފަށައިފިއެވެ.

އުމްރާ އަށް ވާންޖެހޭ ތައްޔާރީތައް ސައުދީ އިން ވާން ފަށާފައި މި ވަނީ ކޮވިޑްގެ ދުވަސްވަރު ހަރުކަށި ފިޔަވަޅުތަކާއި އެކު 1000 މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދީ ކާމިޔާބު ކަމާއެކު ބަލީގެ އެއްވެސް ކޭސް އެއް ނުފެނި ހައްޖު ނިންމާލުމަށް ފަހުގައެވެ. ރޯގާބަލިމަޑުކަމުގެ ތެރޭގައި ސައުދީ ސަރުކާރުން ހައްޖުގެ އަޅުކަން ކުރިޔަށް ގެންދިޔަ ފުރިހަމަކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ވަނީ ތައުރީފުކޮށްފައެވެ.

ޙައްޖުގެ އަޅުކަމުގެ ކަންކަން ރާވާ އިންތިޒާމުތައް ހަމަޖެއްސުމާއި ކަންކަން ބެލެހެއްޓުމުގައި ދެހަފްތާ ވަންދެން ސައުދީ އޮފިޝަލުން މަސައްކަތްކޮށްފައިވެއެވެ. އެ ޤައުމުގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނީ ތާރީހީ ޙައްޖަށްފަހު އަންނަ އުމްރާ ސީޒަނަށް ތައްޔާރުވާން ފަށާފައިވާކަމަށެވެ. އަދި އުމްރާއަށް ތައްޔާރުވާން ފަށާފައިމިވަނީ ޙައްޖުގެ ދެ ހަފްތާގައި ކަންކަން ހިނގައިދިޔަ ގޮތަށް ބަލާ ވަޒަންކުރުމަށްފަހު ކަމަށާއި، އުމްރާގެ އަޅުކަމުގައިވެސް ޙައްޖުގައި ކަނޑައެޅި ސިއްޙީ އުސޫލްތައް ހިފަހައްޓާނެކަމަށްވެސް ސައުދީން ބުނެއެވެ.

ކޯވިޑް-19 ގެ ނުރައްކާ ދުނިޔޭގައި ބޮޑުވެ އެ ބަލި ފެތުރޭ މިންވަރު އިތުރުވާން ފެށުމުން ޙައްޖާއި އުމްރާގެ އަޅުކަން މެދުކަނޑާލާ މުސްލިމުންގެ އެންމެ މުޤައްދަސް ދެ ޙަރަމް ކަމަށްވާ، މައްކާގެ މަސްޖިދުލް ޙަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ ބަންދުކުރީ މިއަހަރުގެ މާރޗުމަހުގެ 20 ވަނަދުވަހުއެވެ. އޭގެފަހުން 2 މަހާއި 11 ދުވަސްފަހުން ނަބަވީ މިސްކިތްވަނީ އާއްމުކޮށް ހުޅުވާލާފައެވެ. އެހެންނަމަވެސް ޙަރަމްފުޅު ހަމައެކަނި އާއްމުކޮށް އަދި ހުޅުވާލީ މި ފަހަރުގެ ޙައްޖުގައި ބައިވެރިވި ޙައްޖާޖީންނަށް އެކަންޏެވެ.

ޙައްޖަށްފަހު އުމްރާގެ ކަންކަމަށް އާއްމުކޮށް ސައުދީ ހުޅުވާލަނީ މުހައްރަމު މަހުގެ 15ގެ ފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން