އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުالله މިއަދު ދަތުރު ކުރައްވަމުން ގެންދެވި ކާރުގައި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގުމުން އެ ޕިކަޕް ދުއްވި މީހާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން އިމްރާން އުޅުއްވިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިންތިހާބީ މެންބަރު އިމްރާން ލަތީފް، ޕިކަޕް ދުއްވި މީހާއަށް މައާފު ކޮށްދޭން އެދޭ ވީޑިއޯއެއް އާންމު ކުރެއްވުމާއި ގުޅިގެން އަދާލަތުން އެކަން ކުށްވެރި ކޮށްފިއެވެ.

މިއަދު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯގައި، އިމްރާން ލަތީފް ވަނީ ޕިކަޕް ދުއްވި މީހާއާއި ޝެއިޚް އިމްރާން ހުރިތަނަށް ގޮސް ޕިކަޕް ދުއްވި މީހާ ކޮނޑަށް އަތްލައިގެން ހުންނަވާ، އިމްރާން އުޅުއްވަނީ ޕިކަޕް ދުއްވި މިސްކުޅި ބޭބެ އަތުން ބޮޑު އަދަދެއް ނަގަންކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެހެންކަމުން، އިމްރާން ލަތީފު އެދެމުން މިއެދެނީ، ޕިކަޕް ޑްރައިވަރަށް ޝެއިޚް އިމްރާން މައާފު ދެއްވުން ކަމަށާއި ނޫންނަމަ، ކާރު ހެދުމަށް ދާ ހަރަދު އިމްރާން ލަތީފް ހަމަޖައްސައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، އެކަމާ ޝެއިޚް އިމްރާން އެއްވެސް އެއްޗެއް ވިދާޅުވާތަނެއް ވީޑިއޯއަކުން ނުފެނެއެވެ.

އަދާލަތުން މިރޭ ނެރުނުބަޔާނެއްގައި ބުނީ، ފުލުހުން އެ ސީނަށް ހާޒިރު ވަންދެން ޝައިޚް އިމްރާން އަދި ޕިކަޕް ދުއްވި ޑްރައިވަރ މަޑުކުރައްވައިގެން ތިއްބަވަނިކޮށް, ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފް އެތަނަށް ހާޒިރުވެ, ޝައިޚް އިމްރާން އަށް ނިސްބަތްކޮށް ދޮގު ތުހުމަތުކޮށް, ޕިކަޕް ޑްރައިވަރަށް ނިސްބަތްކޮށް ނިކަމެތި ބަސް ބޭނުންކޮށް ސޯޝަލް މީޑިއާގައި ޕިކަޕް ޑްރައިވަރާއި ޝައިޚް އިމްރާން ފަޟީޙަތްކުރުމަށް މަސައްކަތް ކޮށްފައިވާކަމަށެވެ.

އަދި މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް ފުލުހަށް ރިޕޯޓް ކުރުމުގެ ޤާނޫނީ ޒިންމާއެއް އޮތްއިރު މި ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރަކު ހުރަސް އެޅުއްވުމާއި, ސިޔާސީގޮތުން ޚިޔާލު ތަފާތުވާ ފަރާތްތަކަށް މަގުމަތިން ދިމާކޮށް އާޑަފުރައްސާރަ ކުރުންފަދަ ކަންކަމަކީ, ޤާނޫނު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ދަތިވާނެ އަދި މުޖުތަމަޢުގެ މަސަލަސްކަން ގެއްލުމަށް މެދުވެރިވެދާނެ ފަދަ ކަންކަން ކަމަށް އަދާލަތުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދާލަތުން ބުނީ، އަމިއްލައަށް ޤާނޫނު ތަންފީޒުކުރަން އުޅުމާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސް އެޅުމަކީ އާންމު ރައްޔިތުންގެ ކިބައިންވެސް އަދި ވަކިން ޚާއްސަކޮށް ޤާނޫނު ހެދުމުގެ ޒިންމާ ހަވާލުކުރެވޭ މެންބަރެއްގެ ކިބައިން ފެނިގެންވާނެ ކަންކަމެއް ނޫންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން